ޖޮބް ސެންޓަރަށް މިހާތަނަށް 104 މައްސަލަ ހުށަހަޅާފައިވާ ކަމަށް ކޮވިޑް 19އާ ގުޅޭގޮތުން ސަރުކާރުގެ ފަރާތުން މައުލޫމާތު ދިނުމަށް ކަނޑައަޅުއްވާފައި ހުންނަވާ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.
ކޮވިޑް 19 އާބެހޭ މައުލޫމާތު ދިނުމަށް ދަރުކާރުގޭގައި މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން މަބްރޫކު ވިދާޅުވީ، ވަޒީފާއަދާކުރާ ފަރާތްތަކަށް އިހާނެތިގޮތް ހަދާ ފަރާތްތަކުން ޖޮބްސެންޓަރަށް މައްސަލަ ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އެގޮތުން ނޯޕޭ ލީވް ނަގަން ޖެހުމާއި، މުސާރަ ބަދަލުކުރުމާއި، އެލަވަންސްތައް ކަނޑާލުމުގެ އިތުރުން ބައި މުސާރަ ދިނުމާއި ވަކި މުއްދަތަކަށް ވަޒީފާ އިން ސަސްޕެންޑް ކުރުމުގެ މައްސަލަތަކުުގެ ގޮތުގައި 104 މައްސަލަ ޖޮބްސެންޓަކަށް ހުށަހަޅާފައިވާ ކަމަށެވެ.
މަބްރޫކު ވިދާޅުވީ، ކޮވިޑް 19 ގެ ސަބަބުން އެއްވެސް ފަރާތެއްގެ ވަޒީފާގެ ހައްގެއް ނުގެއްލޭ ކަމަށެވެ.
އަދި ހުށަހަޅާފައިވާ މައްސަލަ ތަކުގައި ވަކިވަކި ކޭސް ބައި ކޭސް ބަލުމަށްފަހު އެކަންކަމަށް ފިޔަވަޅު އަޅަމުން ދާނެ ކަމަށްވެސް މަބްރޫކު ވިދާޅުވިއެވެ.
މަބްރޫކު އަދި ވިދާޅުވީ، ވަޒީފާ އަދާކުރާ މީހުންނަށް އިހާނެތިކޮށް ހަދާ ވިޔަފާރިތަކަށް ސްޓިމިއުލަސް ޕެކޭޖުން އިސްކަމެއް ނުދޭނެ ކަމަށެވެ.
ކޮވިޑް 19 ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ލިބިފައިވާ ގެއްލުމުގެ ތެރެއިިން، ވިޔަފާރިތަކަށް އެހީވުމަށް ސަރުކާރުން ވަނީ 2.5 ބިލިއަން ރުފިޔާގެ އިކޮނޮމިކް ރިލީފް ޕެކޭޖެއް ތައާރަފުކޮށްފައެވެ.