އިބްރާހިމް ޒަކީ
މިހާރު މޮނިޓަރިންގައި އޮތީ ސިނަމަން ހަކުރާ ހުރާ، ޖޭއޭ މަނަފަރު، މާހާ އަދި އައިލެންޑް ސަފާރީ ކަމަށް ކޮވިޑް 19އާ ގުޅޭގޮތުން ސަރުކާރުގެ ފަރާތުން މައުލޫމާތުދިނުމަށް ކަނޑައަޅުއްވާފައި ހުންނަވާ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.
ކޮވިޑް 19 އާބެހޭ މައުލޫމާތު ދިނުމަށް ދަރުބާރުގޭގައި މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި މައުލޫމާތު ދެއްވަމުން މަބްރޫކު ވިދާޅުވީ، ސިނަމަން ހަކުރާ ހުރާ މޮނިޓަރިންގައި އޮތީ، ކޮވިޑް 19 އަށް ޝައްކު ކުރެވޭ ބިދޭސީއެއްގެ ސާމްޕަލް ނަގައި ޓެސްޓް ކުރުމުގެ މަސައްކަތް ކުރިއަށްދާތީ ކަމަށެވެ.
އަދި އޭނާވަނީ ރިސޯޓްގައި އެކަހެރި ކޮށްފައި ކަމަށްވެސް ވިދާޅުވިއެވެ.
ޖޭއޭ މަނަފަރު ރިސޯޓުން މޮނިޓަރިންގައި އޮތީ، ކޮވިޑް 19 އަށް ޝައްކުކުރެވުނު ދިވެއްސެއްގެ ސާމްޕަލް ޓެސްޓު ކުރުމުގެ މަސައްކަތް ކުރިއަށް ދާތީއެވެ.
އައިލެންޑް ސަފާރީން މޮނިޓައިންއަށް ލާފައި އޮތީ، ކޮވިޑް 19 އަށް ޕޮޒިޓިވްވެފައިވާ ދެމީހަކު އެ ސަފާރީން ފެނުމާ ގުޅިގެން އެ ދެމީހުން ފަރުވާއަށް ނެގުމަށްފަހުގައެވެ. އަދި އެ ސަފާރީން ދަތުރުކުރި އެހެން އެންމެން ވަނީ އެކަހެރިކޮށްފައެވެ.
ރާއްޖެއިން މމިހާތަނަށް 13 މީހުން ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައިވާއިރު އޭގެ ތެރެއިން އަށް މީހުން ވަނީ ރަނގަޅުވެފައެވެ. އަނެއް ފަސްމީހުންނަށް މިހާރުވެސް ދަނީ ފަރުވާ ދެމުންނެވެ.
އެހުރިހާ މީހުންނަކީވެސް ބިދޭސީންނެވެ.
ކޮވިޑް 19 ގެ ހާލަތާ ބެހޭގޮތުން މައުލޫމާތު ދެއްވަމުން މަބްރޫކު ވިދާޅުވީ، ކޮވިޑް 19 އާ ގުޅިގެން މިހާރު އައިސޮލޭޝަންގައި 21 މީހުން އެބަތިބި ކަމަށެވެ.
މީގެ އިތުރުން ކަރަންޓީިން ފެސިލިޓީތަކުގައި މިހާރު 737 މީހުން އެބަތިބި ކަމަށްވެސް ވިދާޅުވިއެވެ.