އިބްރާހިމް ޒަކީ
ކޮވިޑް 19އަށް ރާއްޖޭން ޕޮޒިޓިވްވި މީހުންގެ ތެރެއިން މިހާރު ފަރުވާ ދެމުން އަންނަނީ ކުރެއްދޫން 2، އަނަންތަރާ 2 އަދި އައިލެންޑް ސަފާރީގެ އެކަކަށް ކަމަށް ކޮވިޑް 19އާ ގުޅޭގޮތުން ސަރުކާރުގެ ފަރާތުން މައުލޫމާތުދިނުމަށް ކަނޑައަޅުއްވާފައި ހުންނަވާ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.
ކޮވިޑް 19 އިގެ އެންމެފަހުގެ ހާލަތާބެހޭ މައުލޫމާތު ދިނުމަށް ދަރުބާރުގޭގައި މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި މައުލޫމާތު ދެއްވަމުން މަބްރޫކު ވިދާޅުވީ، އެބަލީގައި ފަރުވާ ދެމުންދާ މީހުންގެ ހާލު ރަނގަޅު ކަމަށެވެ.
އެ ނިއުސްކޮންފަރެންސްގަައި އެކަމާބެހޭ އިތުރު ތަފްސީލް ދެއްވަމުން ޑރ. މޫސާ މުރާދު ވިދާޅުވީ ބައްޔަށް ޕޮޒިޓިވްވި 13 މީހުންގެ ތެރެއިން ބަލިން ފަސޭހަވި ގިނަ މީހުން މިހާރު މޮނީޓަރިން އިން ދޫކޮށްލާފައިވާ ކަމަށެވެ.
އެ 13 މީހުންގެ ތެރެއިން އަށް މީހަކު ވަނީ ރަނގަޅުވެފައެވެ. އެހެންކަމުން މިހާރު ފަރުވާދެމުންދަނީ ފަސް މީހުންނަށެވެ.
ޑރ. މޫސާ މުރާދު ވިދާޅުވީ، މިހާރު މޮނީޓާ މިކުރަމުންދަނީ ހާލު ސީރިއަސްވެގެން ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި މީގެ ކުރިން ފަރުވާ ދިން އިޓަލީ މީހާ އާއި އޭނާގެ އަންހެނުންނަށް ކަމަށެވެ
އަދި އެމީހުން މިހާރު ތިބީ ދަރުމަވަންތައިގެ 17 ވަނަ ފަންގިފިލާގައިކަމަށްވެސް ވިދާޅުވިއެވެ.
ޑރ. މުރާދު އިތުރަށް ވިދާޅުވީ، ކޮވިޑް 19 ގެ މައިލްޑް ކޭސް ތަކުގެ ގޮތުގައި ބެލި މީހުންގެ ތެރެއިން ބައެއް މީހުންނަކީ ވަރަށް ކުޑަކޮށް އަަލާމާތްތައް ފެނުނު މީހުން، ނުވަތަ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ސާމްޕަލް ނެގި މީހުންގެ ތެރެއިން މާ ބޮޑު އަމާލާތެއް ނެތި ޕޮޒިޓިވް ވި މީހުން ކަމަށެވެ.
"އެމީހުން އަޅުގަނޑުމެން މި ނިންމީ 14 ދުވަހުގެ ކަރަންޓީނު ހަމަވެއްޖެ ކަމަށްވަންޏާ، އަޅުގަނޑުމެންގެ ބެލުމުގެ ދަށުން ދޫކޮށްލަން. އެގޮތަށް ދޫކޮށްލީމާ އެމީހުންނަށް އަނބުރާރިސޯޓަށް ދެވޭނެ،" ޑރ. މުރާދު ވިދާޅުވި އެވެ.
ޑރ. ވިދާޅުވީ، ރާއްޖޭން އިތުރު ޕޮޒިޓިވް ކޭހެއް ނުފެނުމުގެ މާނައަކީ ހާލަތު ބަދަލުވުން ނޫން ކަމަށެވެ.