ގަތަރު އެއާވޭސް އިން ކުރަމުން އަންނަ ދަތުރުތަކަށް ހުއްޓުމެއް ނާންނާނެ ކަމަށާއި ދެން ދަތުރުތައް ކުރާނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްގެން ކަމަށް ގަތަރު އެއާވޭސް އިން ބުނެފިއެވެ.
އެ އާލައިނުން ނެރުނު މީޑިއާ ރިލީސްއެއްގައި ބުނެފައިވަނީ ދުނިޔެއަށް ދިމާވެފައިވާ ކޮވިޑް 19ގެ ވަބާއާއި ގުޅިގެން އެ އެއާލައިނުގެ ފްލައިޓުތައް ހުއްޓާ ނުލާ ކަމަށެވެ. އަދި ވީހާވެސް ގިނަ ބަޔަކު އަނބުރާ ގައުމުތަކަށް ގެންދިއުމުގައި އެ އެއާލައިނަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށް ގަތަރު އެއާވޭސް އިން ބުނެއެވެ.
އެގޮތުން ދަތުރުތައް ކުރިއަށް ގެންދަން ހަމަޖައްސާފައިވަނީ "ސްޓްރިކްޓް ބަޔޯ-ސެކިއުރިޓީ ސްކްރީނިންގް"އާ އެކު ކަމަށް ގަތަރު އެއާވޭސް އިން ބުނެއެވެ.
މީގެ އިތުރުން އެކި ގައުމުތަކުގައި ތިބި އެހެން ގައުމުތަކުގެ މީހުން އަނބުރާ ގައުމަށް ގެންދިއުމުގައި އެހީތެރިވުމުގެ ގޮތުން 10،000 ސީޓު އެ އެއާލައިނުގެ ނެޓްވޯކަށް މިދިޔަ އަންގާރަ ދުވަހު އިތުރު ކޮށްފައިވާ ކަމަށް ވެސް ގަތަރު އެއާވޭސް އިން ބުނެއެވެ. އަދި އަންގާރަ ދުވަހުން ފެށިގެން އޭޝިއާ އިން ޔޫރަޕާއި އެމެރިކާއަށް ޗާޓަ ފްލައިޓުތައް ދަތުރު ކުރަން ފަށާފައިވާކަން އެ އެއާލައިނުން ފާހަގަ ކުރެއެވެ.
މީގެ އިތުރުން ފާއިތުވި ހަތް ދުވަހު ޔޫކޭ، ފްރާންސް އަދި ޖަރުމަނުން ދަތުރުކުރި %80 ފްލައިޓުތަކުން ގައުމުން ބޭރަށް ދަތުރުކުރާ އެގައުމުގެ މީހުންގެ އަދަދު %36 ދަށްވެފައިވާ ކަމަށް ގަތަރު އެއާވޭސް އިން ފާހަގަ ކުރެއެވެ. މިކަމުން ދޭހަވަނީ އަނބުރާ ގައުމަށް ދާމީހުން އިތުރުވެފައިވާ މިންވަރު ކަމަށް ގަތަރު އެއާވޭސް އިން ބުނެއެވެ.
ފާއިތުވި ހަތް ދުވަސްތެރޭ އެ އާލައިނުން 100،000 މީހުނަށްވުރެ ގިނަ މީހުން އުފުލާފައިވާ ކަމަށް ގަތަރު އެއާވޭސް އިން ބުނެއެވެ. އޭގެތެރެއިން %70 މީހުނަކީ އަނބުރާ ގައުމަށް ދިޔަ މީހުންކަން ވެސް އެ އެއާލައިނުން ފާހަގަ ކުރެއެވެ.