ދުނިޔެ

ލަންކާގެ މިނިސްޓަަރުންގެ މުސާރަ ހުއްޓުވުމަށް ފާސްކޮށްފި

އަހުމަދު ޖައިޝަން

ސްރީލަންކާގެ ސަރުކާރުގައ މަސައްކަތްކުރާ މިނިސްޓަރުންގެ މުސާރައާއި ދަތުރުތަކުގެ ހަރަދުތައް ހުއްޓުވުމަށް އެގައުމުގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ލަންކާގެ މިނިސްޓަރުންގެ މުސާރައާއި ހަރަދުތައް ހުއްޓުވުމުގެ ބިލު މަޖިލީހުން މިއަދު ފާސްކޮށްފައިވާ އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ 225 މެމްބަރުންގެ ތެރެއިން 122 މެމްބަރުންގެ ވޯޓާއެކުގައެވެ.

މަޖިލީހުގެ ރައީސް ކަރޫ ޖާޔަސޫރިޔާ ވިދާޅުވީ އެ ބިލު ފާސްވުމާއެކު މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންނާއި ސްޓޭޓް މިނިސްޓަރުންގެ ހަރަދުތައް ހުއްޓޭނެ ކަމަށެވެ.

މިނިސްޓަރުންގެ މުސާރަ ކަނޑާލުމަށް މަޖިލީހުން ނިންމިއިރު އެގައުމުގެ ބޮޑުވަޒީރު މަހިންދަ ރަޖަޕަކްސަގެ ހަރަދުތައް ހުއްޓުވުމަށް ވެސް ވަނީ ފާސްކޮށްފައެވެ.

މިއަދު ފާސްކުރި ބިލަށް ވޯޓް ލާފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ރަޖަޕަކްސާއަށް ތާއީދުކުރާ ފަރާތްތަކުން ބުނެއެވެ.