މިންހާ ފާއިޒް ރަޝާދު
ސްޕެއިންގެ ނައިބު ބޮޑު ވަޒީރު ކާމެން ކަލްވޯ ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
ސްޕެއިންގެ ސަރުކާރުން ހާމަކުރިގޮތުގައި ބަލީގެ އަލާމާތްތަކާއެކު އެކަމަނާ ހޮސްޕިޓަލުގައި އެޑްމިޓް ކުރީ އާދިއްތަ ދުވަހު ކަމަށެވެ.
ފާއިތުވި 24ގަޑިއިރު އެގައުމުގައި 738 މީހުން މަރުވެ މިހާތަނަށް މަރުވި މީހުންގެ އަދަދު 3434 އަށް ވަނީ އަރާފަ އެވެ. މީގެ ކުރިން 24ގަޑިއިރު ތެރޭގައި އެންމެ ގިނައިން މީހުން މަރުވީ އިޓަލީގައެވެ. އެއީ 683 މަރެވެ.
ޗައިނާގައި ކޮވިޑް19 ޖެހިގެން މުޅި ޖުމުލަ މަރުވެފައިވަނީ 3285 މީހުނެވެ.، އެންމެ ބޮޑަށް ކޮވިޑް19 ފެތުރިފައިވާ ގައުމު ކަމަށްވާ އިޓަލީގައި މިހާތަނަށް 6820 މީހުން ވަނީ މަރުވެފައެވެ.
ސްޕެއިންގައި 27000 މީހުން ޕޮޒިޓިވް ވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ހޯދަމުންނެވެ. އެގައުމުގައި އެންމެ ބޮޑަށް ބަލި ފެތުރިފައިވަނީ މެޑްރިޑްގައެވެ.
ބަލި ފެތުރުން ކޮންޓްރޯލް ނުވާތީއާއެކު އެގައުމުގެ މަޖިލީހުން ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރު ދެހަފުތާއަށް އިތުރުކުރަން ނިންމާފަ އެވެ. އެ އިމަޖެންސީގައި ޒަރޫރީ ބޭނުމެއްގައި ނޫން ގޮތަކަށް އެއްވެސް މީހަކަށް ގެއިން ބޭރަކަށް ނުނިކުމެވެއެވެ.
ދުނިޔޭގައި މިހާތަނަށް 460000 މީހުން މިބައްޔަށް ޕޮޒިޓިވް ވެފައި ވާއިރު 20000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. 110000 މީހުން ވަނީ ފަސޭހަ ވެފައެވެ.