ކުއްލި ޚަބަރު

ޗައިނާއިން ނަގާފައިވާ ލޯނުތަކަށް ލުއި ގޮތެއް ހޯދުމަށް ރައީސް ސޯލިހުގެ ސިޓީފުޅެއް ޗައިނާގެ ރައީސަށް

އަލީ ޔާމިން

ޗައިނާއިން ނަގާފައިވާ ލޯނުތަކަށް ލުއި ގޮތްތަކެއް ހޯއްދަވައިދެއްވުމަށް އެދި އެގައުމުގެ ރައީސް ޒީ ޖިންގް ޕިންގަށް ހާއްސަ ސިޓީފުޅެއް ފޮނުއްވާފައިވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ރާއްޖެއިން ވަރަށް ގިނަ ލޯނުތައް ނަގާފައިވާ ކަމަށާއި ނަމަވެސް އެންމެ ގިނައީ ޗައިނާއިން ނަގާފައިވާ ލޯނުތައް ކަމަށެވެ. އެގޮތުން ކުރީ ސަރުކާރުން ރާއްޖޭގައި ހިންގި ތަރައްގީގެ ގިނަ މަޝްރޫއުތައް ހިންގީ ޗައިނާއާ ހަވާލުކޮށްގެން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

"ބޭރުގެ ލޯނުތައް އެބަހުރި ވޭތުވެދިޔަ ތަނުގައި ނަގާފައި. އެންމެ ބޮޑު އަދަދެއް މިއޮތީ ޗައިނާއިން. އެއީ އެއިރު އެންމެ ގިނަ އިގްދިސާދީ ޕްރޮޖެކްޓުތައް ހިންގަމުންދިޔައީ ޗައިނާއިން ކަމަށްވާތީ. މިއަހަރު އެކަނި ވެސް އެޗްޑީސީ ތުރޫކޮށް އަޅުގަނޑު ހަނދާންވާ ގޮތުން 100 މިލިއަނާ ކައިރިއަށް އެޗްޑީސީން އެބަޖެހޭ ޗައިނާގެ ލޯނުތަކަށް ދައްކަން،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ޗައިނާއިން ނަގާފައިވާ ލޯނުތައް ދެއްކުމުގައި ލުއި ގޮތްތަކެއް ހޯދައިދިނުމަށް މަޝްވަރާ ކުރެވެމުން އަންނަ ކަމަށާއި އެގޮތުން ލޯނުތަކުގައި އެހީތެރިކަން ހޯދުމަށް ޗައިނާގެ ރައީސަށް ސިޓީފުޅެއް ފޮނުއްވާފައިވާ ކަމަށެވެ. ނަމަވެސް އެކަމުގައި އަދި ޖަވާބެއް ނުލިބޭ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު ހިތުން ޗައިނާ ސަރުކާރުން މިކަމުގައި ރަނގަޅު އެހީތެރިކަމެއް ފޯރުކޮށްދޭނެ ކަމުގެ އުންމީދު އެބައޮތް. އަޅުގަނޑު ސީދާ ސިޓީއެއް ފޮނުވައިފިން އެއީ ޗައިނާގެ ރައީސަށް މިކަމުގައި އެހީތެރިކަން ހޯދުމަށް. މި ލޯނުތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް،" ރައީސް ވިދާޅުވިއެވެ،