ކުއްލި ޚަބަރު

ވޯލްޑް ބޭންކުން ކޮވިޑް 19 ފަންޑަށް 10 މިލިއަން ޑޮލަރު ލިބިއްޖެ: ރައީސް

އަލީ ޔާމިން

ވޯލްޑު ބޭންކުން ކޮވިޑް 19 ފަންޑަށް 10 މިލިއަން ޑޮލަރު ދީފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، ކޮވިޑް 19އާ ގުޅިގެން ރާއްޖޭގެ އިގްތިސާދު ހީނަރުވެފައިވެފައިވާއިރު، މިހާލަތުން އަރައިގަތުމަށް ބޭރުގެ މާލީ އިދާރާތަކުން ވަރަށް ބޮޑު އެއްބާރުލުމެ ރާއްޖެއަށް ދެއްވަމުންދާ ކަމަށެވެ. އެގޮތުން ވޯލްޑު ބޭންކުން 10 މިލިއަން ޑޮލަރު ދީފައިވާކަން ފާހަގަކުރެއްވިއެވެ.

"ވޯލްޑް ބޭންކުން ދިހަ މިލިއަން ޑޮލަރު މިހާރު ވަނީ ގްރާންޓެއްގެ ގޮތުގައި ކޯވިޑް ފަންޑަށް ލިބިފައި. މީގެ އިތުރުން، އޭޑީބީ އާއި އޯޕެކް، އައިޑީބީ، އޭއައިއައިބީ ފަދަ ބޭންކުތަކާ މި އަންނަނީ މަޝްވަރާ ކުރަމުން،" ރައީސްް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން މި ހާލަތުގައި ދޭ އިގްތިސޯދީ ޕެކޭޖު ނެގުމަށް ރާއްޖެއިން ވިސްނަމުން ނުދާ ކަމަށެވެ. އެއީ އެ ޕެކޭޖު ނަގާނަމަ މުވައްޒަފުން މަދުކުރުން ފަދަ ޝަރުތުތަކެއް ހުންނާތީ ކަމަށާއި އެހެންކަމުން އެކަން ސަރުކާރުން ނުކުރާނެ ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި، ކޮވިޑް 19ގެ ސަބަބުން ރާއްޖެއަށް ކުރިމަތިވާ ގެއްލުމުން އަރައިގަތުމަށް މަދުވެގެން އަހަރެއްހާ ދުވަސް ނަގާނެ ކަމަށް ލަފާކުރެވެއެވެ. އެހެންކަމުން ލިބެން އޮތް ބޭރުގެ ހުރިހާ އެހީއެއް ހޯދާނެ ކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، ރާއްޖެއިން ވަރަށް ގިނަ ލޯނުތަކެއް ނަގާފައިވާ އެބަހުރި ކަމަށާއި އެންމެ ގިނައީ ޗައިނާއިން ނަގާފައި ހުރި ލޯނުތައް ކަމަށެވެ. ނަމަވެސް އެ ލޯނުތަކަށް ލުޔެއް ހޯދަން އެގައުމާ މަޝްވަރާ ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.