އަލީ ޔާމިން
ރާއްޖެއިން ކޮވިޑް 19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އިތުރު ތިން މީހަކު އެ ބަލިން އަނެއްކާ ވެސް ފަސޭހަވެ، ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު އަށަކަށް އަރައިފިއެވެ.
ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، ރާއްޖެއިން ކޮވިޑް 19 ޖެހުނު 13 މީހުންގެ ތެރެއިން އަށް މީހަކު މިހާރު ބަލިން ރަނގަޅުވެފައިވާ ކަމަށެވެ.
އެގޮތުން މިވަގުތު ފަރުވާ ދެމުންދަނީ ފަސް މީހަކަށް ކަމަށާއި އެ އެންމެން ވެސް ރަނގަޅުވަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
އެތިން މީހުންނާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީން ކުރި ޓުވީޓެއްގައި ބުނީ އެއީ ވެލިދޫ އައިސޮލޭޭޝަން ފެސިލިޓީގައި ފަރުވާ ދެމުންދިޔަ މީހުން ކަމަށެވެ. އެގޮތުން 14 ދުވަހުގެ އައިސޮލޭޝަނާއި ފަރުވާއަށްފަހު އެ ތިން މީހުން ވެސް ކޮވިޑް 19 އަށް ދެ ފަހަރު ނެގެޓިވް ވެފައިވާ ކަމަށް ބުނެފައިވެއެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑް 19އަށް ޕޮޒިޓިވްވި އެންމެންނަކީ ވެސް ބިދޭސީންނެވެ. އޭގެ ތެރެއިން އެބަލިން މިހާތަނަށް ރަނގަޅު ވެފައިވަނީ އިޓަލީގެ ތިން މީހަކާއި ތުރުކީ އަދި ސައުތް އެފްރިކާގެ މީހެކެވެ. ބަލިން ރަނގަޅުވިކަން މިއަދު އިއުލާންކުރި ތިން މީހުންނަކީ ކޮން ގައުމެއްގެ ރައްޔިތުންނެއް ކަމެއް އަދި ނޭނގެއެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިތުރަށް ވިދާޅުވީ ކޮވިޑް 19އާ ގުޅިގެން ރާއްޖެއިން އަޅާފައިވާ ފިޔަވަޅުތައް ރަނގަޅު ކަމަށާއި ނަމަވެސް އެބަލި ރާއްޖޭގައި ނުފެތުރޭނެ ކަމަށް އަދި ނިންމެން ނެތް ކަމަށެވެ. އަދި އެބައްޔާ ގުޅޭގޮތުން އެންމެ އިސް ބަސް އަދި އެންމެ ފަހު ބަސް ވެސް ބުނާނީ ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ކަމަށް ވިދާޅުވިއެވެ.
"ހާލަތާ ގުޅޭގޮތުން ކަންކަން ބަދަލުކުރަމުން މި އަންނަނީ ސިއްހީ ތަޖުރިބާކާރުންގެ ލަފަޔާ އެއްގޮތަށް. އަޅުގަނޑު ދެކޭގޮތުގައި މިކަމުގައި އެންމެ އިސް ބަސް ވެސް އަދި އެންމެ ފަހު ބަސް ވެސް ބުނާނީ ސިއްހީ ދާއިރާގެ ތަޖުރިބާކާރުން. ސަރުކާރުން ކުރާ ކަމަކީ އެބޭފުޅުންގެ އިރުޝާދުތައް ތަންފީޒުކުރުމަށް މަގުފަހުކޮށްދިނުން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސިއްހީ ތަޖުރިބާކާރުން އެ ދެއްވާ އިރުޝާދުތަކާއި ލަފަޔާ އެއްގޮތަށް ރައްޔިތުން ވެސް އަމަލުކުރުމަށް ދަންނަވާ ކަމަށާއި އެބޭފުޅުން އެ މަސައްކަތްކުރައްވަނީ ރައްޔިތުންނަށްޓަކައި ކަމަށެވެ. އަދި މި ބަލިން ރައްކާތެރިވުމަށް ސަރުކާރުން އަޅާ ފިޔަވަޅުތަކުގެ ސަބަބުން އާންމު ދިރިއުޅުމުގެ ވަރަށް ގިނަ ކަންކަމަށް ހުރަސްއެޅޭކަން ގަބޫލުފުޅުކުރައްވާ ކަމަށާއި ނަމަވެސް މިއީ އެންމެންގެ ރައްކާތެރިކަމަށްޓަކައި ކޮންމެހެން އަޅަންޖެހޭ ފިޔަވަޅުތަކެއްކަން ހުރިހާ ރައްޔިތުން ވެސް ގަބޫލުކުރަންވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.