ކުއްލި ޚަބަރު

ސްޓޫޑަންޓް ލޯނުތައް ދެއްކުން ވެސް ހަ މަސް ދުވަހަށް ފަސްކޮށްދޭން ނިންމައިފި

އަލީ ޔާމިން

މަތީ ތައުލީމު ހާސިލުކުރުމަށް ދޫކޮށްފައިވާ ސްޓޫޑަންޓް ލޯނުތައް ދެއްކުން ވެސް ހަ މަސް ދުވަހަށް ފަސް ކޮށްދޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުު ނިންމަވައިފިއެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ކޮވިޑް 19އާ ގުޅިގެން ވިޔަފާރިތަކަށާއި އާންމު ރައްޔިތުންނަށް ފަސޭހަކޮށްދިނުމަށް ސަރުކާރުން މަސަކަތް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން މަތީ ތައުލީމު ހާސިލް ކުރުމަށް ސަރުކާރުން ދޫކޮށްފައިވާ ސްޓޫޑަންޓު ލޯނުތައް ދެއްކުމުގައި ލުއިތަކެއް ހޯދައިދިނުމުގެ ގޮތުން އެ ލޯނުތައް އަނބުރާ ދެއްކުން ހަ މަސް ދުވަހަށް ފަސްކޮށްދީފައިވާ ކަމަށް ވިދާޅުވިއެވެ.

"މިހާރު ސްޓޫޑެންޓް ލޯނު އަނބުރާ ދައްކަން ޖެހިފައިވާ 4،000 ވުރެ ގިނަ ބޭފުޅުން އެބަ ތިއްބެވި، ސަރުކާރުން މިހާރު ނިންމާފައިވަނީ މި ދެންނެވި ސްޓޫޑެންޓް ލޯނު އަނބުރާ ދެއްކުން ހަ މަސް ދުވަހަށް ފަސްކޮށްދިނުމަށް،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، މިހާރު އޮތް ސްޓޫޑެންޓް ލޯނު ސްކީމު ކަނޑައެޅިފައިވާ ގޮތައް ކުރިއަށް ގެންދިއުމަށް ވެސް ނިންމާފައިވާ ކަމަށެވެ.

ކޮވިޑް 19އާ ގުޅިގެން ސަރުކާރުން ވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކޮށްފައިވާ ޕާސަނަލް، ހައުސިން އަދި ބިޒްނަސް ލޯނުތަކާއި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސިން ކޯޕަރޭޝަން (އެސްޑީއެފްސީ) އަދި ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސިން ކޯޕަރޭޝަން (އެޗްޑީއެފްސީ) އިން ނަގާފައިވާ ލޯނުތައް ދެއްކުން ވެސް ހަމަސް ދުވަހަށް ފަސްކޮށްދީފައެވެ.

އޭގެ އިތުރުން އޭޕްރިލް އަދި މޭ މަހުގެ ކަރަންޓު ބިލުން 40 ޕަސެންޓް އަދި ފެން ބިލުން 30 ޕަސެންޓުގެ ޑިސްކައުންޓެއް ދިނުމަށް ވެސް ސަރުކާރުން ނިންމައި މިމަހުގެ 19 ވަނަ ދުވަހު ވަނީ އިއުލާން ކޮށްފައެވެ.