ކުއްލި ޚަބަރު

ސުކޫލްތަކާއި ޔުނިވާސިޓީތައް ވެސް އިތުރު އެއް ހަފްތާއަށް ބަންދުކުރަން ސަރުކާރުން ނިންމައިފި

އަލީ ޔާމިން

އިތުރު އެއް ހަފުތާއަށް ސުކޫލްތަކާއި ޔުނިވާސިޓީތައް ބަންދުކުރަން ސަރުކާރުން ނިންމައިފިއެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، ކޮވިޑް 19އާ ގުޅިގެން ރާއްޖެއިން އަޅަމުން އަންނަ ހުރިހާ ފިޔަވަޅެއް ވެސް އަޅަމުން އަންނަނީ ސިއްހީ މާހިރުންގެ ލަފަޔާއި އިރުޝާދާއެކު ކަމަށާއި އެކަމުގައި އެންމެ އިސް ބަސް ވެސް އެންމެ ބުނާނީ އެބޭފުޅުން ކަމަށެވެ.

އެގޮތުން އެބަލިން ރައްކާތެރިވުމަށް މިހާރު އަޅައިފައިވާ ފިޔަވަޅުތަކުގެ އިތުރުން ބައެއް އިތުރު ފިޔަވަޅުތައް ވެސް ސަރުކާރުން އަޅަން ނިންމާފައިވާކަން ފާހަގަކުރައްވާ ރައީސް ވަނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން އެއް ހަފްތާއަށް ސްކޫލުތަކާއި ކޮލެޖު ޔުނިވާސިޓީތައް ބަންދު ކުރަން ނިންމާފައިވާކަން އިއުލާން ކުރައްވައިފައެވެ.

އޭގެ އިތުރުން އަންނަ އާދީއްތަ ދުވަހުން ފެށިގެން އިތުރު އެއް ހަފްތާގެ މުއްދަތަށް ސަރުކާރުގެ އޮފީސްތައް ވެސް ބަންދުކުރަން ނިންމާފައިވަކަން ރައީސް ހާމަކުރެއްވިއެވެ.

ކޮވިޑް 19 ފެތުރުން ކޮންޓްރޯލް ކުރުމަށް ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމަށްފަހު ސަރުކާރުން ވަނީ މިމަހުގެ 11 ވަނަ ދުވަހު ސްކޫލުތަކާއި ކޮލެޖުތަކާއި ޔުނިވާސިޓީތައް އެއް ހަފްތާއަށް ބަންދުކޮށްފައެވެ. އަދި މިމަހުގެ 22 ވަނަ ދުވަހުން ފެށިގެން ސްކޫލުތަކާއި ކޮލެޖުތަކާއި ޔުނިވާސިޓީތަކާއި ޓިއުޝަން ކްލާސްތައް ހުއްޓާލުމަށް އެންގިއެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް 19އަށް ޕޮޒިޓިވް ވެފައިވަނީ 13 މީހެކެވެ. އޭގެ ތެރެއިން ފަސް މީހަކު އެ ބަލިން ރަނގަޅުވެފައިވާ ކަމަށް މީގެ ކުރިން ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

ނަމަވެސް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވަނީ އިތުރު ތިން މީހަކު އެ ބަލިން ރަނގަޅުވެ، ރަނގަޅުވި މީހުންގެ އަދަދު އަށަކަށް އަރާފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި މި ބަލިން ސަލާމަތްވެވޭނެ ކަމުގެ އުންމީދު އެބަ އޮތް ކަމަށް ވިދާޅުވިއެވެ.