ކުއްލި ޚަބަރު

އިތުރު އެއް ހަފުތާއަށް ސަރުކާރު ބަންދުކުރަން ސަރުކާރުން ނިންމައިފި

އަލީ ޔާމިން

ރާއްޖޭގައި ކޮވިޑް 19 ފެތުރުން ކޮންޓްރޯލް ކުރުމަށް އިތުރު އެއް ހަފްތާއަށް ސަރުކާރު ބަންދު ކުރަން ނިންމައިފިއެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، ޗައިނާއިން ކޮވިޑް 19 ފެނުނު ފަހުން އެބަލިން ރައްކާތެރިވުމަށް ރާއްޖޭގައި އަޅަމުން އަންނަ ހުރިހާ ފިޔަވަޅުތައް ވެސް އަޅަމުން އަންނަނީ ސިއްހީ މާހިރުންގެ ލަފަޔާއެކު ކަމަށެވެ. އަދި އެބަލީގެ ކަންކަމުގައި އެންމެ އިސްބަސް ވެސް އެންމެފަހު ވެސް ބުނާނީ ސިއްހީ ތަޖުރިބާކާރުން ކަމަށެވެ.

އެގޮތުން ކޮވިޑް 19އާ ގުޅިގެން އާންމުންގެ ދިރިއުޅުމަށް އުނދަގޫވާ ބައެއް ފިޔަވަޅުތައް އަޅާފައިވީ ނަމަވެސް އެއީ އެންމެންގެ ސަލާމަތާއި ރައްކާތެރި ކަމަށް އެޅި ފިޔަވަޅުތަކެއްކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ، އަންނަ އާދިއްތަ ދުވަހުން ފެށިގެން އެއް ހަފްތާއަށް ސަރުކާރު ބަންދު ކުރަން ނިންމާފައިވާ ކަމަށެވެ.

އޭގެ އިތުރުން އަންނަ އާދިއްތަ ދުވަހުން ފެށިގެން އެއް ހަފްތާއަށް ސްކޫލުތަކާއި ކޮލެޖު ޔުނިވާސިޓީތައް ވެސް ބަންދު ކުރަން ނިންމާފައިވާކަން ރައީސް ހާމަކުރެއްވިއެވެ.

ކޮވިޑް 19އާ ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމާއެކު ސަރުކާރުން ވަނީ މިމަހުގެ 19 ވަނަ ދުވަހުން ފެށިގެން މިމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުގެ އޮފިސްތައް ބަންދުކޮށްފައެވެ. ސަރުކާރުން ބުނީ އެ ނިންމުން ނިންމީ އިޖުތިމާއީ ގައިދުރުކުރުން ވީހާ ވެސް ގިނަކޮށް، މީހުން ބޭރަށް ނުކުމެ އުޅުން މަދުކުރުމަށް ކަމަށެވެ.