ކުއްލި ޚަބަރު

ހިދުމަތް ނުދޭން އަންގާފައި ވަނިކޮށް ކާބޯތަކެތީގެ ހިދުމަތް ދިން ތިން ތަނެއް ޖޫރިމަނާ ކޮށްފި

އައިދާ އަބްދުލް ހަކީމް

ކެފޭ އަދި ރެސްޓޯރެންޓަތަކުން ކާބޯތަކެތީގެ ހިދުމަތް ދިނުން މަނާކޮށްފައި ވަނިކޮށް، އެ ހިދުމަތް ދިން ތިން ތަނެއް 5000 ރުފިޔާ އިން ޖޫރިމަނާ ކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ކޮވިޑް 19 އާ ގުޅިގެން ހޮޓާ، ރެސްޓޯރެންޓުގެ ހިދުމަތް ދިނުން ސަރުކާރުން މަނާކޮށްފައި ވަނިކޮށް ހިދުމަތްދިން ތިންތަނެއް މިމަހުގެ 22 އަދި 24 ވަނަ ދުވަހު ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. އަދި ޝީޝާގެ ހިދުމަތް ދީގެން ދެ ކެފޭއެއް މިމަހުގެ 20 ވަނަ ދުވަހު ޖޫރިމަނާ ކޮށްފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ކޮވިޑް 19 އާ ގުޅިގެން ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަނުން ހިދުމަތް ނުދޭން ސަރުކާރުން ވަނީ އަންގާފައެވެ. އަދި އެ އެންގުމާއި ހިލާފުވާ ފަރާތްތައް ޖޫރިމަނާ ކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ކޮވިޑް 19އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވަނީ މިމަހުގެ 21 ވަނަ ދުވަހުގެ ރޭ 12:00 އިން ފެށިގެން މާލޭގެ ކެފޭ ރެސްޓޯރެންޓްތަކުގައި ތިބެގެން ހިދުމަތްދިނުން މަނާކޮށްފައެވެ. ނަމަވެސް ޓޭކްއަވޭގެ ހިދުމަތް ދެވޭނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ސަރުކާރުން ބުނީ މާލޭގެ ކެފޭ ރެސްޓޯރެންޓްތަކުގައި ތިބެގެން ހިދުމަތް ހޯދުން މަނާކުރީ އެއީ ގިނަ މީހުން ގޮސް އުޅޭ ތަންތަނަށް ވުމުން ބަލި ފެތުރުމުގެ ފުރުސަތު އޮންނާނެތީ އެ ފުރުސަތު ހަނިކުރުމަށް ކަމަށެވެ.