އެއްވެސް ގައުމެއްގެ އެއްވެސް މީހަކަށް ނާދެވޭ ގޮތަށް ރާއްޖޭގެ ބޯޑަރުތައް ބަންދުކުރަން ސަރުކާރުން ނިންމައިފިއެވެ.
ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، ކޮވިޑް 19އާ ގުޅިގެން ރާއްޖެއިން އަޅަމުން އަންނަ ފިޔަވަޅުތައް ރަނގަޅު ކަމަށާއި ނަމަވެސް އެބަލި ދިވެހިންގެ ތެރޭގައި ނުފެތުރޭނެ ކަމަށް މިވަގުތު ނިންމެން ނެތް ކަމަށެވެ.
އެހެންކަމުން މިމަހުގެ 27 ވަނަ ދުވަހުން ފެށިގެން ރާއްޖެއިން އޮން އެރައިވަލް ވިސާ ދިނުން ހުއްޓާލަން ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.
"މިމަހުގެ 27 ވަނަ ދުވަހުން ފެށިގެން ރާއްޖެއިން އޮން އެރައިވަލް ވިސާ ދިނުން ވަގުތުން ހުއްޓާލެވޭނެ. މާނައަކީ އެ ދުވަހުން ފެށިގެން ރާއްޖެއިން ބޭރުން އެއްވެސް ފަރާތަކަށް ރާއްޖެއަށް ވަކި ގޮތެއް ނިމެންދެން އެތެރެ ނުވެވޭނެ،" ރައީސް ވިދާޅުވިއެވެ،
އެމަނިކުފާނު އިތުރަށް ވިދާޅުވީ ކޮވިޑް 19އާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ބޮޑު ގެއްލުމެއް ވަމުންދާ ކަމަށާއި ހާއްސަކޮށް ވިޔަފާރިތަކަށް ބޮޑު ގެއްލުމެއް ވަމުންދާ ކަމަށެވެ.
އެ ގެއްލުންތައް ކުޑަ ކުރުމަށްޓަކައި ރިސޯޓުތަކާއި ގެސްޓް ހައުސްތަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ފައިސާ އިން 308 މިލިއަން ރުފިޔާ ދޫކުރުމަށް ނިންމައި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި ދަނޑުވެރިން އެޗްޑީއެފްސީއަށް ދައްކަންޖެހޭ ލޯނުތައް ދެއްކުން ވެސް ފަސްކޮށްފައިވާ ކަމަށެވެ.