ކޮވިޑް 19

ޓުވިޓަރުން އާއްމުކުރި ފޯމްގެ މަސައްކަތް ހުއްޓާލައި، ދުވަސްވީ މީހުންގެ މައުލޫމާތު ސަރުކާރު އިދާރާތައް މެދުވެރިކޮށް ހޯދަނީ

އިބްރާހިމް ޒަކީ

އުމުރުން ދުވަސްވީ މީހުންގެ މައުލޫމާތު އެކަމާ ގުޅުން ހުރި ސަރުކާރުގެ އިދާރާތަކުގެ އެހީތެރިކަމާއެކު ހޯދުމުގެ މަސައްކަތް މި ވަގުތު ކުރަމުންދާތީ، ދުވަސްމީހުން ރަޖިސްޓްރީ ކުރުމަށް ޓުވިޓަރު މެދުވެރިކޮށް އިއްޔެ ދައުރުކުރަން ފެށި ފޯމުގެ މަސައްކަތް ހުއްޓާލާފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.

ޓުވީޓާ ފޯމުގެ މަސައްކަތް ހުއްޓާލިކަން އާންމުކޮށް އެ މިނިސްޓްރީން މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ، އުމުރުން ދުވަސްވީ މީހުންގެ މައުލޫމާތު ހޯދުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުގެ އެހީތެރިކަމާއެކު ފަށާފައިވާ ކަމަށެވެ.

ކޮވިޑް 19ގައި އެންމެ ބޮޑަށް ހާލު ދަށަށްދާ މީހުންގެ ތެރޭގައި އުމުރުން ދުވަސްވީ މީހުން ހިމެނެއެވެ. އެހެންކަމުން އެމީހުންގެ ސަލާމަތާއި ރައްކާތެރި ކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ

އެގޮތުން 65 އަހަރުން މަތީ މީހުންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ޖެންޑާ މިނިސްޓްރީން އިއްޔެ ވަނީ ފަށައިފައެވެ.

ޖެންޑާ މިނިސްޓްރީން ކުރި ޓުވީޓެއްގައި އިއްޔެ ބުނެފައިވަނީ ކޮވިޑް 19 އާއި ގުޅިގެން 65 އަހަރުން މަތީގެ މީހުންގެ މައުލޫމާތު ހޯދުމަށް އެ މިނިސްޓްރީން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މިހާރު ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޮވިޑް 19 ރާއްޖެއިން ފެނުމުގެ ސަބަބުން އެކި ކުންފުނި ތަކުން ވަނީ އެ ކުންފުނިތަކުގެ ދުވަސްވީ މުވައްޒަފުންނަށް ޕެއިޑް ލީވް ދީފައެވެ. އަދި ސަރުކާރުން އަންނަނީ އެ ފަދަ މީހުންނަށް ބޭނުންވާ ބޭހާއި، ސިއްހީ ފަރުވާ ހޯދުމުގައި ފަސޭހަ ގޮތްތަކެއް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންނެވެ.