ކޮވިޑް 19

އެމަޖެންސީ އެކްސަސައިޒަކަށް މާލޭގެ ވަކި ސަރަހައްދުތަކުގައި ބޭރަށް ނިކުތުން މަނާ ކުރަނީ

އައިދާ އަބްދުލް ހަކީމް

ކޮވިޑް 19 އަށް ތައްޔާރުވުމުގެ ގޮތުން ބާއްވާ އިމަޖެންސީ ހަރަކާތަކަށް މާލޭގެ ވަކި ސަރަހައްދުތަކެއްގައި ބޭރަށް ނިކުތުން މަނާ ކުރަން ނިންމާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭ އިން ބުނީ މި ޑްރިލް އޮންނާނީ މާލޭގެ ތިން ސަރަހައްދެއްގައި މިއަދުގެ 12:30 އިން 15:30 އަށް ކަމަށެވެ. ހަރަކާތް ކުރިޔަށްގެންދާ ވަގުތު އެސަރަހައްދުގެ ގެތަކުގައި ދިރިއުޅޭ މީހުން ބޭރަށް ނުނިކުތުމަށް އެޗްޕީއޭއިން އަންގާނެ ކަމަށެވެ.

މީގެ ކުރިން ވެސް އެޗްޕީއޭއިން ވަނީ ކޮވިޑް 19އަށް ތައްޔާރު ވުމުގެ ގޮތުން ޑްރިލެއް ބާއްވާފައެވެ. މިފަހަރުގެ ޑްރިލް ބާއްވަނީ އިމަޖެންސީ ހާލަތުގައި ކަންކަން ކުރަން ޖެހޭ ގޮތަށް އެކަމުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރުމަށް ކަމަށް އެޗްޕީއޭއިން ބުންޏެވެ.

ކޮވިޑް 19 އާއި ގުޅޭގޮތުން އިއްޔެ ބޭއްވި ނޫސްކޮންފަރެންސެއްގައި ކޮވިޑް 19 މެޑިކަލް ޓާސްކް ފޯސްގައި ހިމެނިވަޑައިގަންނަވާ ޑރ. އަހުމަދު ޝަހީދު ވިދާޅުވީ މެޑިކަލް ޓީމުން ތައްޔާރުވަނީ ހާލަތު އެންމެ ގޯސްވެދާނެ ދަނޑިވަޅަށް ވެސް ބަލައިގެން ކަމަށެވެ.

މީގެ އިތުރުން ޑރ. ޝަހީދު ވިދާޅުވީ، މިދިޔަ ހަފުތާގައި ހެދި ކޮވިޑް 19 ޓެސްޓުތަކުން އެއްވެސް މީހަކު ޕޮޒިޓިވް ވެފައިނުވި ނަމަވެސް އެންމެން ވެސް ތައްޔާރުވެ ތިބެން ޖެހޭ ކަމަށެވެ.