މިންހާ ފާއިޒް ރަޝާދު
ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުންދާ ވަބާ، ކޮވިޑް19 އާއި ގުޅިގެން އެކި ގައުމުތަކުން އަންނަނީ އެގައުމެއްގެ ސަލާމަތާއި ރައްކާތެރިކަމަށް ހަރުދަނާ ފިޔަވަޅުތައް އަޅަމުންނެވެ.
ގިނަ ގައުމުތައް ލޮކްޑައުންގައިވާއިރު ބައެއް ގައުމުތަކުގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައެވެ. ގައުމުތަކުގެ ފިހާރަތައް ބަންދުކޮށްފައިވާއިރު މެނުފެކްޗަރިންނާއި ޕްރޮޑަކްޝަންތައް ވެސް ވަނީ ހުއްޓިފައެވެ. ބޮޑެތި ކުންފުނިތަކުގައި ރިސޯސް ހުރި ކަމުގައި ވިޔަސް މިވަގުތު އެންމެންގެ ސަމާލުކަން ހުރީ މިވަބާއިން ދުނިޔެ ސަލާމަތްކުރެވޭނެ ގޮތްތައް ހޯދައިދިނުމަށެވެ.
އެމެރިކާ އަދި ޔޫރަޕުގައި ވަނީ މެޑިކަލް އިކުއިޕްމަންޓަށް ޖެހިފައެވެ. އެގޮތުން ސިއްހީ ބައެއް ފަރާތްތަކުން ބޭނުންކޮށްފައި ހުންނަ މާސްކުވެސް އަލުން ބޭނުން ކުރަން ޖެހޭ ހާލަތަށް ވަނީ ގޮސްފައެވެ.
އެހެންކަމުން ފެޝަން އިންޑަސްޓްރީގެ ޑިޒައިނަރުންނާއި ލަގްޒަރީ ލޭބަލް ތަކުން އަދި ކާރު އުފައްދާ ފަރާތްތަކުން މިވަނީ މާސްކާއި އެހެނިހެން ޕްރޮޓެކްޓިވް އިކުއިޕްމަންޓުތައް އުފައްދަން ފަށާފައެވެ.
ނިއު ޔޯކުގެ ގަވަރުނަރު ވަނީ ޓުވީޓަރު މެދުވެރިކޮށް ކުންފުނިތަކުން ކްރިއޭޓިވް ވުމަށް އެދިފައެވެ. އަދި ސިއްހީ ފަރާތްތަކަށް ބޭނުންވާ ސަލާމަތީ ސާމާނު ފޯރުކޮށްދެވޭ ފަރާތްތަކުން އެކަން ކޮށްދިނުމަށް އެދިފައެވެ.
އެކަމަށް އެންމެ ފުރަތަމަ އިސްނެގީ ޑިޒައިނަރު ކްރިސްޓިއާނޯ ސިރިއާނޯއެވެ. ކްރިސްޓިއާނޯ ބުނިގޮތުގައި ސިއްހީ ފަރާތްތަކަށް މާސްކު ބޭނުންކަމުގައި ވާނަމަ އޭނާގެ ޓީމުން އެ މާސްކު އުފައްދާނެއެވެ.
ކްރިސްޓިއާނޯ ވަނީ މާސްކުގެ ޕްރޮޑަކްޝަންގެ ވީޑިއޯވެސް ހިއްސާކޮށްފައެވެ. އެއާއެކު އެހެން ފެޝަން ބްރޭންޑުތަކާއި ޑިޒައިނަރުން ވެސް ވަނީ ސިއްހީ ހިދުމަތްތެރިންނަށް އެހީވުމަށް ބޭނުންވާ ސާމާނު އުފެއްދުމުގެ މަސައްކަތް ފަށާފައެވެ.
ލޭޑީ ގާގާ އަދި މިޝޭލް އޮބާމާ ފަދަ ބޭފުޅުން ސްޓައިލު ކޮށްފައިވާ ޑިޒަރިނަރު ބްރޭންޑަން މެކްސްވެލް ވަނީ ސިއްހީ ފަރާތްތަކަށް ބޭނުންވާ ގައުން ހަދަން ފަށާފައިވާކަން އިއުލާނުކޮށްފައެވެ.
ކާރު އުފައްދާ ކުންފުނި ފޯޑުން ވަނީ ޖެނެރަލް އިލެކްޓްރޯނިކްސް އާއި ތުރީއެމްއާ ގުޅިގެން ވެންޓިލޭޓަރު އުފައްދާ ވާހަކަ އިއުލާނުކޮށްފައެވެ. ހަމަ އެއާއެކު ޓެސްލާއިންވެސް ވަނީ މާސްކު އުފައްދާކަން އިއުލާނު ކޮށްފައެވެ.
މިއީ މުޅި ދުނިޔެއަށްވެސް ދަތި ވަގުތެކެވެ. އެންމެނެނަށްވެސް ބޭނުން ވަނީ ސަލާމަތާއި ރައްކާތެރިކަމަށް އެޅޭނެ ސާމާނެވެ. ހާއްސަކޮށް ސިއްހީ ފަރާތްތަކަށް އެތަކެތީގެ ބޭނުން އޮތީ ވަރަށް ބޮޑަށް ޖެހިފައެވެ. އެހެންކަމުން ކުންފުނިތަކުން އިސްނަގައިގެން މިތަކެތި އުފައްދަން ފެށުމުން މިއީ ހެޔޮފާލެކެވެ.
އަލީބާބާގެ ބާނީ އަދި ބިލިޔަނަރު ޖެކްމާވެސް ވަނީ ގިނަ ގައުމުތަކަށް އެހީވުމަށް ބޭނުންވާ ސާމާނުތައް ފޮނުވަން ފަށާފައެވެ.
ދުނިޔޭގައި ކޮވިޑް19 އަށް 425،964 މީހަކު ޕޮޒިޓިވްވެފައިވާއިރު 18957 މީހުން ވަނީ މަރުވެފައެވެ. 109241 މީހުން ވަނީ ބަލިން ފަސޭހަވެފައެވެ.
މިބަލި ޖެހިގެން ސިއްހީ ގިނަ ހިދުމަތްތެރިންތަކެއް ވެސް މަރުވެފައިވަނީ ބޭނުންވާ ސަލާމަތީ ތަކެތި މަދުވުމުން ރައްކާތެރި ނުވެވުމުން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.