މުޅި ދުނިޔެއިން ކޮވިޑް 19 ޖެހުނުގެ މީހުންގެ އަދަދު 400،000 އަށްވުރެ މައްޗަށް އަރައިފިއެވެ.
މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅު ޗައިނާގެ ވުހާން ސިޓީގައި ފެތުރެން ފެށި ކޮވިޑް 19 އެގައުމުގައި ކޮންޓްރޯލް ކުރެވިފައިވީ ނަމަވެސް މިފަހަކަށް އައިސް ދުނިޔޭގެ އެހެން ގައުމުތަކުގައި އެ ވައިރަސް ވަނީ ވަރަށް ބޮޑަށް ފެތުރެން ފަށައިފައެވެ.
އެގޮތުން މިދިޔަ ހަފްތާގެ ތެރޭގައި އެބަލި ޖެހުނު މީހުންގެ އަދަދު 200،000 އަށް އެރިއިރު އޭގެ ތިން ދުވަސް ފަހުން އިތުރު 100،000 ކޭސް ވަނީ ފެނިފައެވެ.
ނަމަވެސް އެބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 411،000 އަށްވުރެ އިތުރުވެފައެވެ. އަދި އެބަލީގައި 18،200 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.
ކޮވިޑް 19 ޖެހިގެން މިހާތަނަށް އެންމެ ގިނައިން މަރުވެފައިވަނީ ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން އެބަލި އެންމެ ހަލުވިކަމާއެކު ފެތުރެމުންދާ އިޓަލީގައެވެ. އެގައުމުން މިހާތަނަށް 6800 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު މިއީ ޗައިނާއަށްވުރެ ދެގުނަ އިތުރު އަދަދެކެވެ.
ދެންމެ އެންމެ ގިނަ މީހުން މަރުވެފައިވަނީ ސްޕެއިން އަދި މެދުއިރުމަތީގައި އެ ބަލި އެންމެ ހަލުވިކަމާއެކު ފެތުރިފައިވާ އީރާނުގައެވެ.
އެގޮތުން ސްޕެއިން އިން ކޮވިޑް 19 ޖެހިގެން 2800 މީހުން މަރުވެފައިވާއިރު އީރާނުން ގާތްގަނޑަކަށް 2000 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ޑޭޓާބޭސްތަކަށް ބަލާއިރު އެބަލި ޖެހުނު މީހުންގެ ތެރެއިން އެއް ލައްކައަށްވުރެ ގިނަ މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. އޭގެ ތެރެއިން ގިނަ މީހުންނަކީ ވައިރަސް ފެނުނު ޗައިނާއިން ރަނގަޅުވި މީހުންނެވެ.