ޔޫއޭއީގައި ހުރި ދިވެއްސަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
ޔޫއޭއީގެ މިނިސްޓްރީ އޮފް ހެލްތު އެންޑް ޕްރިވެންޝަނުން ކުރި ޓުވީޓެއްގައި ބުނީ، އެގައުމުން މިއަދު ކޮވިޑް 19 ބަލީގެ އިތުރު 50 ކޭސް ފެނިފައިވާ ކަމަށެވެ. އެ އެންމެންނަކީ ވެސް މީގެ ކުރިން އެ ބައްޔަށް ޕޮޒިޓިވްވި މީހުންނާ ކުލޯސް ކޮންޓެކްޓެއް ވެފައިވާ މީހުންނާއި އެގައުމުން ބޭރުން އައިސްފައިވާ މީހުން ކަމަށް ބުނެފައިވެއެވެ.
މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ދިވެއްސެއްގެ އިތުރުން ދެން ހިމެނެނީ ލަންކާ، އިނގިރޭސިވިލާތް، ސައުދި އަރަބިއާ، ޔަމަން، ޓޫނީޝިއާ، ސައުތް އެފްރިކާ، ބެލްޖިއަމް، ސައުތް ކޮރެއާ، ބަލްގޭރިއާ، ފްރާންސް، ޗެކް ރިޕަބްލިކް، އޮސްޓްރޭލިއާ، ލެބޮނަން، ކެންޔާ، ސުދާން، އިރާން އަޔަލެންޑް، މޮރޮކޯ، ޕާކިސްތާން އަދި ސުވިޑަން، މިއީ ކޮންމެ ގައުމަކުން އެކަކެވެ.
ދެން ޕޮޒިޓިވްވި މީހުން ހިމެނެނީ އިޓަލީ، އިޖިޕްޓު، ޔޫއޭއީ، ސްޕެއިން، ނެދަލެންޑްސް، ޖޯޑަން، ފިލިޕީންސް މިއިން ކޮންމެ ގައުމަކުން ދެ މީހުންނާއި އެމެރިކާ، ބަންގުލަދޭޝް، ފަލަސްތީނުން ތިން މީހުން އަދި އިންޑިއާ އިން ހަ މީހުންނެވެ.
ޔޫއޭއީގެ ހެލްތު މިނިސްޓްރީން ބުނީ، މި އެންމެންނާ ވެސް ސުވާލުކުރަމުންދާ ކަމަށާއި އެންމެންގެ ހާލުވެސް ރަނގަޅު ކަމަށެވެ. އަދި އެމީހުންނަށް ދޭންޖެހޭ ފަރުވާ ދެމުންދާ ކަމަށް ބުނެފައިވެއެވެ.
އެކަމާ ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ ޔޫއޭއީ ކަމާބެހޭ ފަރާތްތަކުން އެކަން ކަށަވަރު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.