ކޮވިޑް 19 ވަބާ ކޮންޓްރޯލް ކުރުމަށް މުޅި އިންޑިއާ 21 ދުވަހަށް ލޮކްޑައުން ކުރަން ނިންމާފައިވާކަން އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިއުލާން ކުރައްވައިފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހަށްފަހު ގައުމާ މުހާތަބް ކުރައްވާ މޯދީ ދެއްވި ދެވަނަ ތަގުރީރުގައި ބޮޑުވަޒީރު މޯދީ ވިދާޅުވީ، މި މުއްދަތުގެ ތެރޭގައި ގެއިން ބޭރަށް ނުކުމެއްޖެނަމަ އެ ގެއަކަށް ވައިރަސް ވަނުމުގެ ނުރައްކާ އެބައޮތް ކަމަށެވެ.
"މިރޭ 12:00 އިން ފެށިގެން މުޅި ގައުމު ލޮކްޑައުން ކުރާނެ. އެއްކޮށް ލޮކްޑައުން ކުރާނެ. އިންޑިއާ ސަލާމަތް ކުރުމަށް. މިގައުމުގެ ހުރިހާ ރައްޔިތުންނާއި ތިމާ އާއި ތިމާގެ އާއިލާއަށް ހުރިހާ މަގެއް، ހުރިހާ ސަރަހައްދެއް ލޮކްޑައުން ކުރެވޭނެ،" މޯދީ ވިދާޅުވިއެވެ.
މުޅި އިންޑިއާ ލޮކްޑައުން ކުރަން ނިންމާފައިމިވަނީ، އިންޑިއާއިން އެބަލި ފުރަތަމަ ފެނުނު ބޮޑެތި ސިޓީތަކުން ކުދި އަވަށްތަކަށް ބަލި ފެތުރެމުންދާ ކަމަށް ހެލްތު އޮފިޝަލުން ވިދާޅުވެފައިވާތީ އިންޑިއާގެ ބޮޑު ސަރަހައްދެއްގައި މިއަދު ކާފިއު އިއުލާން ކުރުމަށްފަހުއެވެ.
އެގޮތުން ސިއްހަތު ދިރާސާ ކުރާ ފަރާތްތަކުން ވަނީ އަންނަ މެއި މަހުގެ މެދަކާހަމައަށްދާއިރު އިންޑިއާ އިން މިލިއަނަކަށްވުރެ ގިނަ މީހުންނަށް ކޮވިޑް 19 ޖެހިދާނެކަމުގެ އިންޒާރު ދީފައެވެ.
އާބާދީގައި ގާތްގަނޑަކަށް 1.3 ބިލިއަން މީހުން އުޅޭ އިންޑިއާގައި އެހެން ގައުމުތަކާ އަޅާބަލާއިރު ކޮވިޑް 19ގެ ކޭސްތައް މަދުން ފެނިފައިވީ ނަމަވެސް މިފަހަކަށް އައިސް އެގައުމުން އެބަލި ޖެހިފައިވާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ.
އެގޮތުން މިހާތަނަށް އެގައުމުން އެބަލި ޖެހިފައިވަނީ 519 މީހަކަށެވެ. އަދި އެބަލީގައި 10 މީހަކު ވަނީ މަރުވެފައެވެ.
ނަމަވެސް އިންޑިއާގައި ކޮވިޑް 19 ފެތުރުން ކޮންޓްރޯލް ކުރުމަށް އެގައުމުން ވަނީ ބައިނަލްއަގްވާމީ ފްލައިޓް ދަތުރުތަކާއި އެތެރޭގެ އުދުހުންތައް ވެސް ހުއްޓާލައިފައެވެ.