ކުއްލި ޚަބަރު

ކެފޭތައް ބަންދުކުރި ދުވަހުން ފެށިގެން ވަކި ގޮތެއް ނިންމުމާއި ހަމަޔަށް ފުޑް ކޯޓުތަކުގެ ކުލި އެސްޓީއޯއިން މާފުކޮށްދީފި

މަރިޔަމް ޝަހުދާ

ސަރުކާރުން ކެފޭތައް ބަންދު ކުރި ދުވަހުން ފެށިގެން ވަކި ގޮތެއް ނިންމަންދެން ފުޑް ކޯޓުތަކުގެ ކުލި އެސްޓީއޯ އިން މާފުކޮށްދީފި އެވެ.

އެސްޓީއޯ އިން ބުނީ، އެ ނިންމުމަކީ ފުޑްކޯޓުތަކުގައި ހިންގާ ވިޔަފާރިތައް ހުއްޓުމަކަށް އައުމުން އެފަރާތްތަކަށް ލިބޭ ގެއްލުން ކުޑަކުރުމަށާއި އެފަރާތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން އެސްޓީއޯގެ މެނޭޖްމަންޓުން ނިންމި ނިންމުމެއް ކަމަށެވެ.

އެގޮތުން ކެފޭ އަދި ރެސްޓޯރެންޓުތައް ބަންދުކުރަން ސަރުކާރުން ނިންމި ދުވަހުން ފެށިގެން ސަރުކާރުން އެކަމުގައި އެހެން ގޮތެއް ނިންމަންދެން ހިނގާ މުއްދަތުގައި ފުޑްކޯޓް ޔުނިޓްތަކަށް ދައްކަންޖެހޭ ކުލި މާފުކޮށްދޭނެ ކަމަށް އެސްޓީއޯ އިން ބުނެއެވެ.

ރާއްޖޭގައި ކޮވިޑް 19 ފެތުރުން ކޮންޓްރޯލް ކުރުމަށް މިމަހުގެ 12 ވަނަ ދުވަހު އިއުލާންކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން މާލެ ސަރަހައްދުގައި ހުންނަ ކެއުން ބުއިމުގެ ހިދުމަތްދޭ ހުރިހާ ތަނެއް ބަންދުކުރަން ނިންމާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ 00:00 އިން ފެށިގެންނެވެ.