އައިސޮލޭޝަން ފެސިލިޓީއެއްގެ ގޮތުގައި ކަނޑައަޅާފައިވާ ފަން އައިލެންޑް ރިސޯޓުގެ މުވައްޒަފަކު ކައިރީގައި އޮންނަ އޮޅުވެލި ބީޗް ރިސޯޓަށް ފަތާފައި ގޮސް އެރި މައްސަލައެއް ތަހުގީގުކުރަން ފަށައިފި އެވެ.
މި މައްސަލައިގައި ފަތާފައި ސިނގެރެޓް ގަންނަން ދިޔައީ، އައިސޮލޭޝަން ރަށެއްގެ ގޮތުގައި ކަނޑައަޅާފައިވާ ފަން އައިލެންޑް ރިސޯޓުގެ މުވައްޒަފެއް ކަމަށާއި އޭނާ ފަތާފައި ގޮސް އެރީ ކައިރީގައި އޮންނަ އޮޅުވެލީ ބީޗް ރިސޯޓަށް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި މި މައްސައިގައި ހައްޔަރުކޮށްފައި ވަނީ 20 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ފަން އައިލެންޑު ރިސޯޓުން ފަތާފައި އޮޅުވެލި ރިސޯޓަށް ދިޔަ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ ރޭ 22:37 ހާއިރު ކަމަށް ފުލުހުން ބުނެއެވެ. އަދި އެމީހާ ހައްޔަރު ކުރީ އޮޅުވެލި ރިސޯޓުގެ މޫދުގައި އޮއްވައި ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.
މާފުށީ މެޖިސްޓްރޭޓް ކޯޓުން މިއަދު އެ މީހާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ޖަހާފައިވާ ކަމަށާއި އޭނާއަށް މުއްދަތު ޖަހާފައިވަނީ ޖިނާއީ އިޖުރާއަތުގެ ގަވައިދުގެ ފަސްވަނަ މާއްދާގެ ދަށުން އޭނާގެ ގައިރު ހާޒިރުގައި ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.
މިމަހު 14 އިން ފެށިގެން އެޗްޕީއޭ އިން ވަނީ ރިސޯޓުތަކުން މީހުން ދިރިއުޅޭ އެއްވެސް ރަށަކަށް މީހުން ދަތުރު ނުކުރުމަށާއި، ރާއްޖޭގެ އެއްވެސް ރަށަކުން ރިސޯޓުތަކަށް މީހުން ދަތުރުކުރުން ވެސް ހުއްޓާލަން އަންގާފައެވެ.