ކޮވިޑް 19

ކޮވިޑް 19 ޖެހިގެން މިހާރު ފަރުވާ ދެމުން އަންނަ އަށް މީހުުންގެ ހާލުވެސް ރަނގަޅު: މަބްރޫކު

އިބްރާހިމް ޒަކީ

ރާއްޖޭން ކޮވިޑް 19 އަށް ޕޮޒިޓިވް ވި 13 މީހުންގެ ތެރެއިން ފަސް މީހުން މިހާރު ރަނގަޅުވެފައިވާއިރު، އެބައްޔަށް މިހާރު ފަރުވާ ދެމުން އަންނަ އަށް މީހުންގެ ހާލުވެސް ރަނގަޅު ކަމަށް ކޮވިޑް 19އިގެ ތަރުޖަމާނު މުހައްމަދު މަބުރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.

ކޮވިޑް 19 އާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުދިނުމަށް މިއަދު ބޭއްްވި ނިއުސްކޮންފަރެސްގައި ވާހަކަދައްކަވަމުން މަބްރޫކު ވިދާޅުވީ، ރާއްޖޭން ކޮވިޑް 19 އަށް ރާންޖޭން ޕޮޒިޓިވްވި 13 މީހުންގެ ތެރެއިން ރަނގަޅުވި ފަސް މީހުން އަދިވެސް ތިބީ ކަރަންޓީނުގައި ކަމަށެވެ.

އެއީ އެ ބަލިން ރަނގަޅުވިޔަސް އަދިވެސް އިތުރަށް މޮނިޓާ ކުރަން ޖެހޭތީ ކަމަށާއި އެހެންކަމުން އެމީހުން 30 ދުވަސްވަންދެން ކަރަންޓީނުގައި ބޭތިއްބުމަށް ހަަމަޖެހިފައިވާ ކަމަށެވެ.

މަބްރޫކު ވިދާޅުވީ، ކޮވިޑް 19 އަށް ޕޮޒިޓިވްވި އެންމެންނަށް ފަރުވާ ކޮށްފައިވަނީ ސަރުކާރުގެ ހަރަދުގައި ކަމަށެވެ. އަދި އެ ބަލީގައި އައިސީޔޫގައި ފަރުވާދިން މީހުނަށްވެސް ފަރުވާދީފައިވަނީ ސަރުކާރުގެ ހަރަދުގައި ކަމަށާއި، އެކި މީހުންނަށް ހަރަދުވެފައިވަނީ އެކިވަރަަށް ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް އެކަމަށް ހަރަދުވި އަދަދެއް އޭނާ ހާމައެއް ނުކުރައްވައެވެ.

މަބްރޫކު ވިދާޅުވީ ކޮވިޑް 19 އަށް ޝައްކު ކުރެވިގެން މިހާރުވެސް ކަރަންޓީން ފެސިލިޓީގައި 500 އަށްވުރެ ގިނަ މީހުން އެބަތިބި ކަމަށެވެ. އަދި މިހާތަނަށް 732 ސާމްޕަލް ނަގައި 719 ނެގެޓިވް ވެފައިވާ ކަމަށާއި ދެސާމްޕަލްގެ ނަތީޖާ ލިބިފައިނުވާ ކަމަށްވެސް ވިދާޅުވިއެވެ.

މަބްރޫކު އިތުރަށް ވިދާޅުވީ ނެގި ސާމްޕަލްތަކުގެ ތެރޭގައި ރިޕީޓް ސާމްޕަލްވެސް ހިމެނޭ ކަމަށެވެ.