ކޮވިޑް 19

މިވަގުތު ކާފިއު ހިންގުމަށް ސަރުކާރުގެ ވިސްނުމެއްނެތް: މަބްރޫކު

އިބްރާހިމް ޒަކީ

ކޮވިޑް 19 އާ ގުޅިގެން މުޅި ރާއްޖޭގައި މިވަގުތު ކާފިއު ހިންގުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް ކަމަށް ކޮވިޑް 19ގެ މައުލޫމާތުދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާނު މުހައްމަދު މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވެއްޖެއެވެ.

މަބްރޫކު މިހެން ވިދާޅުވީ، ކޮވިޑް 19 އާބެހޭ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނިއުސް ކޮންފަރެސްގައި، ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ސުވާލު ކުރައްވަމުން ނޫސްވެރިއާ ވިދާޅުވީ ރެސްޓޯރެންޓްތައް ބަނަދު ކުރުމަށް އަންގައި މަގުތަކަށް ނިކުމެ ނޫޅުމަށް ކަމާބެހޭ ފަރާތަކުން އިރުޝާދު ދިން ނަމަވެސް ހޮޓާތަކުން ހިދުމަތް ދިނުމާއި، މަގުތަކަށް އެއްވެ މަސައްކަތް ހޯދަން މިހާރުވެސް ބިދޭސީން ތިބޭ ކަމަށެވެ.

އެހެންކަމުން ތައިލެންޑާއި ސައުދިއަރަބިއްޔާފަދަ ގައުމުތަކުން އަޅާފައިވާ ފިޔަވަޅުތަކާ އެއްގޮތަށް ކާފިއުހިންގުމުގެ ވިސްނުމެއް ނުގެންއުޅޭތޯ ނޫސްވެރިޔާ ސުވާލު ކުރެއްވިއެވެ.

ޖަވާބުގައި މަބްރޫކު ވިދާޅުވީ، މަގުތަކުގައި ގިނަމީހުން ތިބެއްޖެނަމަ ފޮނުވާލުމާއި، އައިސޮލޭޝަނަށްލާ މީހާ އައިސޮލޭޝަންގައިވޭތޯ ކަށަވަރު ކުރުންފަދަ މަސައްްކަތްތައް ފުލުހުން ކުރިއަށް ގެންދާ ކަމަށެވެ. ނަމަވެސް ބިދޭސީންގެ އިތުރުން ތިމާގެ މީހުންގެ ގޭގެއަށް ދިއުމާއި ކޮފީ ގަނެގެން ގިނަ ބަޔަކު އެއްތާތިބެ ކޮފީ ބުއިމާއި، ފިޔާތަކުން ތަކެތި ގަނެގެން ކައްމަތީގައިތިބެ ކެއުންފަދަ ކަންތައް މިހާރުވެސް ކުރިއަށްދާ ކަމަށެވެ.

ނަމަވެސް ބޭރަށް ނުނިކުމެ ގޭގައި މަޑު ކުރުމަށް ދެމުްނދާ އިރުޝާދުތަކަށްވެސް މިހާރަކަށް އައިސް ގިނަ ބަޔަކު އެއްބާރުކުންދޭކަން ފާހަގަ ކުރެވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

މަބްރޫކު ވިދާޅުވީ، ކަންތަތައް ކޮންޓްރޯލް ކުރުމަށް ދެން ދާންޖެހޭނީ ވަރަށް ހަރުކަށި ހިސާބަކަށް ކަމަށެވެ.

އެގޮތުން ޖެހޭނީ ކާފިއު އިއުލާން ކޮށްގެން ވަކި ގަޑިތަކެއްގެ ފަހުން މީހުން ނިކުމެ އުޅުމާއި، ތިންދުވަހުން އެއްދުވަހު ވަކި ގަޑިއެއްގައިނޫނީ ތަކެތި ނުގަނެވޭގޮތަށް ހެދުން ކަމަށްވެސް މަބްރޫކު ވިދާޅުވިއެވެ.

"ވާހަކައަކީ ކާފިއު އިއުލާން ކުރުން، ވަކި އިރަކަށްވުރެ ފަހުން މަގުމަތީގައި އުޅެންޏާ ގާނޫނީ ކުށަކަށް ހެދުން، ވަކި ބަޔަކަށް ވަކި ގަޑިއެއްގައިނޫނީ އެއްޗެހި ނުގަނެވޭނެގޮތް ހެދުން، ތިިން ދުވަހުުން އެއްދުވަކު އައިޑީކާޑު ދެއްކުމުން ތަކެތި ގަނެވޭގޮތަށް،" މަބްރޫކު ވިދާޅުވިއެވެ.

ނަަމެސް މަބްރޫކު ވިދާޅުވީ، އެކަން ކޮށްފިނަމަ ބޮޑެތި ތަކެއް ކުރިމަތިވާނެ ކަމަށާއި، މިހާރު އަޅާފައިވާ ފިޔަވަޅު ތަކުގެ ސަބަބުންވެސް ގިނަ ބަޔަކަށް އުނދަގޫތައް ކުރިމަތިވާ ކަމަށެވެ. އަދި އެކަން އެގޮތަށް ކޮސްފިނަމަ މީހުން އުޅެންޖެހޭނީ ވަރަށް ހާލުގައި ކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން މިވަގުތު ކާފިއު އިއުލާން ކުރުމަކީ ސަރުކާރުގެ ވިސްނުމެއްނޫން ކަމަށް މަބްރޫކު ވިދާޅުވިއެވެ.

ނަމަވެސް މަބްރޫކު ވިދާޅުވީ، ކަމުގެ ބިރުވެރިކަމަށް ބަލައި ކަމުގެ އެކްސްޕާޓުންގެ ޓީމުން ލަފާ ދީފިނަމަ އެފިޔަވަޅުވެސް ސަރުކާރުން އަޅާނެ ކަމަށެވެ.