އިބްރާހިމް ޒަކީ
ކޮވިޑް 19 އާ ގުޅިގެން ދިއުން އެންމެ ނުރައްކާ އެއްތަނަކީ އެއާޕޯޓްތައް ކަމަށާއި، ރާއްޖޭން ބޭރުގެ އެކި ގައުމުތަކުގައި ތިބި ދިވެހިން އެގައުމެއްގައި ސަލާމަތްތެރިކަމާއެކު ތިބުން މުހިއްމު ކަމަށާއި، ބޭރު ގައުމުތަކުގައި ތިބި ދިވެހިންގެ ހާލު ބަލައި ބޭނުންވާ ކަންތައްތައް ސަރުކާރުން ކޮށްދެމުން އަންނަ ކަމަށް މުހައްމަދު މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވެއްޖެއެވެ.
ކޮވިޑް 19 އާބެހޭ އެންމެ ފަހުގެ މައުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި އެހެން ގައުމުތަކުގައި ތިބި ދިވެހިން ރާއްޖެ އައުމުގައި ދިމާވާ ދަތިތަކާބެހޭގޮތުން ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން މަބްރޫކު ވިދާޅުވީ އެކަމަށް ދަތިތައް ކުރިިމަތިވަނީ، ދައުމުތަކުގެ އެއާސްޕޭސް ބަންދު ވުމާ ގުޅިގެން ދަތުރުފަތުރަށް ދިމާވެފައިވާ މައްސަލަ ތަކުގެ ސަބަބުން ކަމަށެވެ.
ނަމަވެސް ރާއްޖޭން ބޭރުގައި ރާއްޖެ އަންނަބޭނުންވެފައިވާ މީހުން ރާއްޖެ ގެނައުމުގެ މަސައްކަތް، އެކަން އޮތްގޮތެއް ހޯދައިގެން ސަރުކާރުން ކުރަމުން ގެންދާ ކަމަށްވެސް މަބްރޫކު ވިދާޅުވިއެވެ.
މަބްރޫކު ވިދާޅުވީ، އެހެން ގައުމެއްގައި ތިބޭ ބަޔަކު ރާއްޖެ އައުމުގައިވެސް އިތުރު ނުރައްކަލެއް އޮންނަ ކަމަށެވެ. އެއީ ދަތުރު ކުރުމުގައި ދިމާވާ ނުރައްކާ ކަމަށާއި، އެއާޕޯޓްތަކަށް ދިއުމަކީ ދިމާވާނެ އެއްމެބޮޑު އެއްނުރައްކާ ކަމަށްވެސް ވިދާޅުވިއެވެ
ނަމަވެސް މަބްރޫކު ވިދާޅުވީ، މިފަދަ ކަމެއް ދިމާވާއިރު ބޭރު ގައުމުތަކުގައި ތިބި ދިވެހިން އިމޯޝަނަލީ، ރާއްޖެ އަންނަން ކޮންމެހެން ބޭނުންވާނެ ކަމަށާއި އެކަމަށް އޮތް ގޮތެއް ހޯދައިގެ ސަރުކާރުން އެކަަމަށްވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެކަަމަށް ވަގުތު ނަގާނެ ކަމަށްވެސް ވިދާޅުވިއެވެ.
މަބްރޫކު ވިދާޅުވީ އެކަން އެހެން އޮތް ނަމަވެސް އެންމެ ރައްކާތެރި ގޮތަކީ އެބޭފުޅުން ތިއްބެވި ގައުމެއްގައި އެބޭފުޅަކު މަޑުކުރެއްވު ކަމަށާއި، އެބޭފުޅުންނަށް ދަތިވާ ކަންތައްތައް ސްރުކާރުން ކޮށްދޭނެ ކަމަށެވެ.
އަދި ރާއްޖޭގައި ތިއްބެވި ބޭފުޅުން ރަޖިސްޓްރީ ކުރެވޭނެ ގޮތްތައް ފޮރިން މިނިސްޓްރީން ހަމަޖައްސާފައިވާ ކަމަށާއި މިހާރުވެސް ގިނަ ބަޔަކު ރަޖިސްޓްރީ ކޮށްފައިވާ ކަމަށް މަބްރޫކު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެ ހުރިހާ މީހުންގެ ހާލުވެސް ބަލުމް ގެންދާ ކަމަށެވެ.
އަދި ބޭރު ގައުމެއްގައި ތިއްބަސް، ސަރުކާރުން އެއްވެސް ދިވެއްސަކަށް ދެރަގޮތެއް ވިޔަކަ ނުދޭނެ ކަަމަށާއި، އެންމެންގެ ހާލު ސަރުކާރުން ބަލަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
އަދި ކޮންމެ ދައްޗެއް ކުކރިމަތިވިޔަސް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ގުޅޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.