އިބްރާހިމް ޒަކީ
ހުޅުލޭ އައިލެންޑް ހޮޓެލް (އެޗްއައިއެޗް) އައިސޮލޭޝަން ފެސިލިޓީއަކަށް ބަދަލުކުރުމަށް ޓަކައި އެތަނުގައި މިހާރު ކަރަންޓީނުކޮށްފައި ތިބި މީހުން، ކަރަންޓީނު ފެސިިޓީގެ ގޮތުގައި ބޭނުންކުރަމުން އަންނަ ރިސޯޓުތަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ކޮވިޑް 19އިގެ ތަރުޖަމާނު މުހައްމަދު މަބުރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.
،ކޮވިޑް 19 އާބެހޭގޮތުން މައުލޫމާތު ދެއްވުމަށް ދަރުބާރު ގޭގައި މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި މައުލޫމާތު ދެއްވަމުން މަބްރޫކު ވިދާޅުވީ، ހުޅުލޭއައިލެންޑް ހޮޓެލްގައި ތިބި މީހުން ކަރަންޓީނު ފެސިލިޓީތަކުގައި ހުރި ރިސޯޓްތަކަށް ބަދަލު ކުރަނީ، ބަލި މީހުންނާއި، ދާއިމީ ބަލިތަކަށް ބޭސްކުރާ މީހުންނާއި ކުޑަކުދިން ވީހާވެސް ކައިރި ރިސޯޓުތަކުގައި ތިބެވޭ ކަހަލަ ގޮތަކަށް އިންތިޒާމުތައް ރާވައިގެން ކަމަށެވެ.
އަދި އެއަށްފަހު ހުޅުލޭއައިލެންޑް ހޮޓެލް އައިސޮލޭޝަން ފެސިލިޓީއަކަށް ބަދަލު ކުރުކުގެ މަސައްކަތް ފަށާނެ ކަމަށްވެސް ވިދާޅުވިއެވެ.
މަބްރޫކު ވިދާޅުވީ، ކޮވިޑް 19 އަށް ޝައްކު ކުރެވިގެން މިހާރުވެސް ކަރަންޓީން ފެސިލިޓީގައި 500 އަށްވުރެ ގިނަ މީހުން އެބަތިބި ކަމަށެވެ.
އަދި މިހާތަނަށް 732 ސާމްޕަލް ނަގައި 719 ނެގެޓިވް ވެފައިވާ ކަމަށާއި ދެސާމްޕަލްގެ ނަތީޖާ ލިބިފައިނުވާ ކަމަށްވެސް ވިދާޅުވިއެވެ.
މަބްރޫކު އިތުރަށް ވިދާޅުވީ ނެގި ސާމްޕަލްތަކުގެ ތެރޭގައި ރިޕީޓް ސާމްޕަލްވެސް ހިމެނޭ ކަމަށެވެ.
ރާއްޖެއިން ކޮވިޑް 19 ޖެހުނު މީހުންގެ ތެރެއިން ފަސްމީހުން ފަރުވާދީގެން ވަނީ ރަނގަޅު ވެފައެވެ.
މަބްރޫކު ވިދާޅުވީ، ބަލިން ރަނގަޅުވިޔަސް އަދިވެސް އިތުރަށް މޮނިޓާ ކުރަން ޖެހޭތީ އެ ފަސްމީހުން ތިބީ 30 ދުވަސްވަންދެން ކަރަންޓީނުގައި ބައިތިއްބާފައި ކަމަށެވެ.
އަދި ބާކީތިބި އަށް މީހުންނަށް ފަރުވާ ދިނުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އެމީހުންގެ ހާލު ރަނގަޅު ކަމަށްވެސް މަބްރޫކު ވިދާޅުވިއެވެ.