ކުއްލި ޚަބަރު

ދިވެއްސަކާއި ބިދޭސީއަކު ކޮވިޑް 19އަށް ޝައްކު ކުރެވިގެން ރީތި ބީޗް ކަރަންޓީނަށް ގެނެސްފި

އިބްރާހިމް ޒަކީ

ދިވެއްސަކާއި ބިދޭސީއެއްގެ ފަރާތުން ކޮވިޑް 19 ބަލީގެ އަލާމާތްތަކެއް ފެނިގެން ރީތި ބީޗް ރިސޯޓް ކަރަންޓީނަށް ގެނެސްފައިވާ ކަމަށް ކޮވިޑް 19އާބެހޭ މައުލޫމާތު ދެއްވުމަށް ސަރުކާރުން ކަނޑައަޅުއްވާފައި ހުންނަވާ ތަރުޖަމާނު މުހައްމަދު މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން މަބްރޫކު ވިދާޅުވީ، ބ. ފޮނިމަގޫދޫގައި ހިންގާ، ރީތި ބީޗް ރިސޯޓުން ކޮވިޑް 19އަށް ޝަކުކުރެވޭ ދެމީހުުން ފާހަގަކުރެވިގެން އެމީހުންގެ ސާމްޕަލް ނަގައި ޓެސްޓް ކުރުމަށް ކަމާބެހޭ ޓީމުން ދަތުރު ކުރަމުންދާ ކަމަށެވެ.

އެގޮތުން އެ މީހުންގެ ސާމްޕަލް ނަގައި ޓެސްޓުގެ ނަތީޖާ ލިބެންދެން އެރިސޯޓު އޮންނާނީ މޮނިޓަރިންގެ ހާލަތުގައި ކަމަށް ވެސް ވިދާޅުވިއެވެ. މޮނީޓަރިންގެ ހާލަތަށް ގެންދާ ތަންތަނަށް، އެ ހާލަތު އުވާލަން ދެން އަރައި ފޭބުން މަނާވާނެއެވެ.

މީގެކުރިން ވެސް ރީތި ބީޗް ރިސޯޓުގައި މަސައްކަތްކުރާ ބިދޭސީއަކު މުވައްޒަފަކު ކޮވިޑް 19 އަށް ޝައްކުވެގެން އެ ރިސޯޓް މޮނީޓަރިންގެ ހާލަތަށް ގެނައެވެ. ނަމަވެސް އެމީހާގެ ޓެސްޓުގެ ނަތީޖާ ވަނީ ނެގެޓިވް ވެފައެވެ.

މަބްރޫކު ވިދާޅުވީ، ރީތި ބީޗު ރިސޯޓާއެކު މިވަގުތު ކަރަންޓީނުގެ ހާލަތަށް ގެނެސްފައި އޮތީ އައިލެލްޑް ސަފާރީ އާއި އީކުއޭޓާ ސަފާރީ ކަމަށެވެ.