ކުއްލި ޚަބަރު

މެންބަރުން ގޭގައި ތިއްބަވައިގެން އިންޓަނެޓް މެދުވެރިކޮށް މަޖިލީހުގެ މަސައްކަތްތައް އަންނަ ހަފުތާގައި ފަށަނީ

އިބްރާހިމް ޒަކީ

އަންނަ ހަފުތާއިން ފެށިގެން މަޖިލީހުގެ މަސައްކަތްތައް މެންބަރުން ގޭގައި ތިއްބަވައިގެން އިންޓަނެޓް މެދުވެރިކޮށް ކުރިޔަށް ގެންދިއުމަށް ނިންމަވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ މިގޮތަށް ނިންމެވީ، ރައްޔިތުންގެ މަޖިލީހުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތާއި ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ކޮމިޓީތަކުގެ މުގައްރިރުންނާއި މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ މިއަދު މަޝްވަރާ ކުރެއްވުމަށްފަހުގައި ކަމަށެވެ.

އާއްމު ގޮތެއްގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ބާއްވަން އޮންނަނީ ކޮންމެ ހަފުތާއެއްގެ ހޯމަ ދުވަހާއި، އަންގާރަ ދުވަހާއި، ބުދަ ދުވަހުގައެވެ.

ނަމަވެސް މިދިޔަ ބުދަ ދުވަހުގެ ޖަލްސާއަށްފަހު މަޖިލީހުގެ ޖަލްސާތައް ވަނީ ވަގުތީ ގޮތުން މެދުކަނޑާލައިފައެވެ. އެއީ ކޮވިޑް 19 އާ ގުޅިގެން ސަރުކާރު ބަންދު ކުރުމަށާއި އާއްމު ހިދުމަތްތަކަށްޓަކައި ކޮންމެހެން މަސައްކަތް ކުރަން ޖެހޭ ތަންތަނުގެ މަސައްްކަތްތައް މުވައްޒަފުން ގޭގައި ތިބެގެން ކުރެވޭ ގޮތަށް ސަރުކާރުން ނިންމުމާ ގުޅިގެންނެވެ.

ނަމަވެސް މަޖިލީހުގެ އެންމެ ފަހު ޖަލްސާގައިވެސް މަޖިލިސް ރައީސް ވިދާޅުވީ މަޖިލީހުގެ މަސައްކަތްތަކުގެ ތެރޭގައި ކޮންމެހެން ކުރަންޖެހޭ މަސައްކަތްތަކެއް އެބަހުރި ކަމަށާއި، އެ މަސައްކަތްތައް ކުރިޔަށްދާނެ ކަަމެވެ. އޭގެ ތެރެއިން ލޯކަލް ކައުންސިލް އިންތިހާބު މިހާރު ފަސްކޮށްފައި އޮތް އޭޕްރީލް މަހުގެ 18 ވަނަ ދުވަހަށްވުރެވެސް ލަސްކުރަން ގާނޫނަށް ގެންނަން ޖެހޭ އިސްލާހުގެ މަަސައްކަތް މަޖިލިސް ރައީސް ފާހަގަ ކުރެއްވިއެވެ. އަދި މަޖިލީހުގެ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ ގޮތް ހަމަޖައްސަވައި ދެއްވާނެެ ކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.

"ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ މީޑިއާ ޑައިރެޓަރު ހަސަން ޒިއާއު މިއަދު ވިދާޅުވީ، މެންބަރުން ގޭގައި ތިއްބަވައިގެން އިންޓަނެޓް މެދުވެރިކޮށް މަޖިލީހުގެ މަސައްކަތްތައް ކުރިޔަށް ގެންދަން ނިންމާފައިވާއިރު، މަޖިލީހުގެ ޖަލްސާއެއް ބާއްވަން ޖެހިއްޖެ ނަަމަ ޖަލްސާގެ މަސައްކަތްތައްވެސް ކުރިއަށް ގެންދާނީ އެގޮތަށް އިންޓަނެޓް މެދުވެރިކޮށް ކަމަށެވެ. އަދި ކޮމިޓީތަކުގެ މަސައްކަތްތައްވެސް ކުރިއަށް ގެންދާނީ ހަމަ އެގޮތަށް ކަމަށާއި، މަޖިލީހުގެ ހުރިހާ މަސައްކަތެއްވެސް އެގޮތަށް ކުރިއަށް ގެންދާ ގޮތަށް ރާވާފައިވާ ކަމަށެވެ.