އެޕަލްގެ އެޕް ސްޓޯރު މިއަހަރު ވިހި ގައުމަކަށް އިތުރު ކުރާނެ ކަމަށް އިއުލާނުކޮށްފި އެވެ.
އެޕަލްގެ ޑިވެލޮޕާ ޕޯޓަލްގައި އިއްޔެ ކުރި އިއުލާނެއްގައި އާންމުކޮށްފައިވާ 20 ގައުމުގެ ލިސްޓުގައި ރާއްޖެވެސް ހިމެނެއެވެ.
އާ ގައުމުތަކުގެ ސްޓޯރު ފަށާނެ ދުވަސް ބުނެފައި ނުވިނަމަވެސް އެޕަލް އިން ވަނީ ޑިވެލޮޕަރުންނަށް އެމީހުންގެ ޑިޕެލޮޕާ ވެބްސައިޓްތަކުން ލޮގިން ކޮށް ލައިސެންސް އެގްރީމްންޓް އަޕްޑޭޓް ކުރުމަށް އެދިފައެވެ. އެގޮތަށް ހެދުމުން އާ ސްޓޯރުތައް ފެށުމުން އެ ސްޓޯރުތަކަށް ވަދެވޭނެ ކަމަށް އެޕަލްއިން ބުނެއެވެ.
އަލަށް ތައާރަފު ކުރާ ގައުމުގެ ތެރޭގައި ރާއްޖެގެ އިތުރުން، އަފްގާނިސްތާނު، އިރާގު، މިޔަންމާ، ޖޯޖިއާ އަދި ލީބިޔާ ހިމެނެއެވެ.
އެޕަލްގެ އިއުލާނުގައި ވަނީ އެ ކުންފުނީން ބުނެފައިވާ ސްޓެޕްތައް އަންނަ މަހު 10ގެ ކުރިން ފުރިހަމަ ކުރުމުން ގައުމުތަކުގެ އާ ސްޓޯރުތައް ތައާރަފު ކުރުމުން ލިބިގެންދާނެ ކަމަށެވެ.