މިންހާ ފާއިޒް ރަޝާދު
ކޮވިޑްގެ ތޫފާނުގެ ވިލާތައް ދަނީ ރާއްޖެއާ ދިމާލަށް ދަތުރު ކުރަމުން ކަމަށާއި ގެއިން ބޭރަށް ނުނިކުތުމަށް އެތެރެހަށީގެ ހާއްސަ ޑޮކްޓަރު މުހައްމަދު އަލީ އިލްތިމާސްކުރައްވައިފި އެވެ.
ޑރ. މުހައްމަދު އަލީ މިހެން ވިދާޅުވީ އޭޑީކޭގެ ޗީފް މެޑިކަލް އޮފިސަރު ޑރ. އަބުދުﷲ ނިޔާފު މިއަދު ކުރެއްވި ޓުވީޓަކާއި ގުޅިގެންނެވެ.
ޑރ ނިޔާފުގެ ޓުވީޓުގައި ވިދާޅުވީ ދުނިޔޭގައި ކޮވިޑް 19 ޖެހިފައިވާ މީހުންގެ އަދަދު މިހާތަނަށް ތިން ލައްކައަށްވުރެ މައްްޗަށް އަރާފައިވާއިރު، އެ އަދަދު 100،000 އަށް އެރީ 67 ދުވަހުން ކަމަށާއި، 200،000 އަށް އަރަން އިތުރު 11 ދުވަސް ނެގި ކަމަށާއި 300،000 އަށް އަރަން ނެގީ އެންމެ ހަތަރު ދުވަސް ކަމަށެވެ.
އެޓުވީޓާއި ގުޅިގެން ޑރ. މުހައްމަދު އަލީ ވިދާޅުވީ އެބޭފުޅުން ގޭގައި ތިބުމަށް އެދަންނަވަނީ ސީރިއަސްކޮށް ކަމަށެވެ.
ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވެގެން ފެނިފައިވާ 13 ބިދޭސީންގެ ތެރެއިން ފަސް މީހުން ރަނގަޅުވެ އިތުރު މީހަކު ނުފެންނަތާ ދުވަސްތަކެއްވެފައި ވުމާއެކު ދިވެހިން ރިލެކްސް މޯޑުގައި އުޅޭތަން ފެންނަ ކަމުގައި ޑޮކްޓަރުން ގެންދަވަނީ ވިދާޅުވަމުންނެވެ.
މިއީ ރިލެކްސް ވާންވީ ވަގުތު ނޫން ކަމަށާއި އަދިވެސް ބިރު އެބައޮތް ކަމަށާއި ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅުތަކަށް ފަރުވާތެރިވާން ސިއްހީ މާހިރުން އަންނަނީ އެދެމުންނެވެ.
ހާއްސަކޮށް ޒަރޫރީ ބޭނުމަކަށް ނޫނީ ގެއިން ބޭރަށް މި ދުވަސްވަރު ނުނިކުތުމަށް ސަރުކާރުންނާއި ޑޮކްޓަރުން އަންނަނީ އިލްތިމާސްކުރަމުންނެވެ.