މިމަހުގެ ނިޔަލަށް ނޭޕާލް ލޮކްޑައުން ކުރުމަށް އެގައުމުގެ ސަރުކާރުން ނިންމައިފި އެވެ.
އެގައުމުގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ނޭޕާލުގައި ލޮކްޑައުން އިއުލާނުކޮށްފައިވަނީ އިއްޔެ އެވެ.
ނޭޕާލްގައި ލޮކްޑައުން އިއުލާނުކޮށްފައި ވަނީ އެއް ހަފުތާއަށެވެ. މި ނިންމުމަކީ އެގައުމުން ކޮވިޑް 19 އަށް ޕޮސިޓިވްވި ދެވަނަ މީހަކު ފެނުމުން އެގައުމުގެ ސަރުކާރުން ނިންމި ނިންމުމެއް ކަމަށް ނޭޕާލް ޓައިމްސްގައި ރިޕޯޓު ކޮށްފައިވެއެވެ.
ލޮކްޑައުންގެ ދަށުން ނޭޕާލުގައި ސަރުކާރު އޮފީސްތަކާއި ވިޔަފާރިތަކާއި ފިހާރަތައް ބަންދު ކުރުމަށް އެގައުމުގެ ސަރުކާރުން ވަނީ ނިންމާފަ އެވެ. އަދި ޑޮމެސްޓިކް ފްލައިޓްތައް ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށާއި، އާންމު ދަތުރުފަތުރުގެ ހިދުމަތްތައް ސަރުކާރުން މެދު ކަނޑާލާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މީގެ އިތުރުން ކޮންމެހެން ގަންނަން ޖެހޭ އެއްޗެއް ގަތުމަށް ނުވަތަ ސިއްހީ ފަރުވާއަށް ނޫން ގޮތަށް ގެއިން ބޭރަށް ނުނިކުތުމަށް އެގައުމުގެ ސަރުކާރުން ރައްޔިތުންނަށް އިލްތިމާސްކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެވެއެވެ.