ލަންކާއިން ކޮވިޑް 19 އަށް ޕޮޒިޓިވްވި އެގައުމުގެ ފުރަތަމަ މީހާ އެބަލިން ރަނގަޅުވުމުން، ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.
ލަންކާއިން ކޮވިޑް 19 ޖެހުނު އެގައުމުގެ ފުރަތަމަ މީހާއަކީ 52 އަހަރުގެ ޓުއާ ގައިޑެކެވެ. އިޓަލީގެ ފަތުރުވެރިންތަކެއް ގޮވައިގެން އުޅުނު ފަހުން ބައްޔަށް ޕޮޮޒިޓިވްވެގެން އޭނާއަށް ކޮލަމްބޯ ބޭރުގައި ހުންނަ އިންފެކްޝަސް ޑިޒީސަސް ހޮސްޕިޓަލްގައި ފަރުވާ ދެމުންދިޔައީ މިމަހުގެ ކުރީކޮޅުގައެވެ.
ލަންކާގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، ލަންކާއިން ކޮވިޑް 19 ބަލި ޖެހުނު އިތުރު ތިން މީހެއް ވެސް އެބަލިން ވަނީ ރަނގަޅުވެފައެވެ. ނަމަވެސް އެމީހުންގެ ޓެސްޓުތަކުގެ ނަތީޖާ ލިބިފައިނުވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ލަންކާއިން ކޮވިޑް 19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 84 އަރާފައިވާއިރު ދެ މީހެއްގެ ހާލު ސީރިއަސް ކަމަށް އިދާރާތަކާ ހަވާލާދީ މީޑިއާތަކުން ރިޕޯޓްކުރެއެވެ.
ލަންކާގައި ކޮވިޑް 19 ފެތުރުން ކޮންޓްރޯލް ކުރުމަށް އެގައުމުގެ ހުރިހާ ސަރަހައްދަކަށް މިމަހު 20 ގައި އިއުލާނުކުރި ކާފިއުގެ މުއްދަތު މިހާރު ވަނީ އަންނަ އަންގާރަ ދުވަހުގެ ހެނދުނު 06:00އާ ހަމަޔަށް އިތުރު ކޮށްފައެވެ.