ކޮވިޑް 19

ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށްޓަކައި ރާއްޖޭގެ އިގްތިސާދު ހަލާކުވިޔަނުދީ ބޭއްވުން: މަބްރޫކު

އިބްރާހިމް ޒަކީ

ކޮވިޑް 19 އާއި ގުޅިގެން ރާއްޖޭން އަޅަމުން ގެންދާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުން އަންނައިރު ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށްޓަކައި ރާއްޖޭގެ އިގްތިސާދު ހަލާކުވިޔަނުދީ ބޭއްވުން ކަމަށް ކޮވިޑް 19ގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒު ވިދާޅުވެއްޖެއެވެ.

ކޮވިޑް 19 އާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުދިނުމަށް މިއަދު މެންދުރުފަހު ބޭއްވި ނިއުސްކޮންފަރެންސްގައި މަބްރޫކު ވިދާޅުވީ، މި ދުވަސްވަރަކީ އެންމެންނަށްވެސް ދަތި އުނދަގޫ ދުވަސްވަރެއް ކަމަށެވެ.

މި ދުވަސްވަރު ރާއްޖޭގެ އިގުތިސާދަށް ދިމާވި މައްސަލަތަކުގެ ސަބަބުން، ވިޔަފާރިތައް ހުއްޓި، ރާއްޖެއަށް ބޭރު ފައިސާ ވަަންނަން އޮތް ހަމައެކަނި ދޮރު، ޓޫރިޒަމަށްވެސް މައްސަލަތައް ކުރިމަތިވެފައިވާ ކަމަށް މަބްރޫކު ވިދާޅުވިއެވެ.

މަބްރޫކު ވިދާޅުވީ، ސަރުކާރުގެ ވިސްނުމަކީ ރާއްޖޭގެ އިގުތިސާދު ހަލާކުވިޔަނުދީ ބޭއްވުން ކަމަށާއި އަދި އޭގެ އެންމެ މުހިންމު ސަބަބަކީ ދިވެހި އިގުތިސާދަކީ ދިވެހި ރައްޔިތުންނަށް އޮންނަ އެއްޗަކަށް ހެދުން ކަމަށެވެ. އަދި ސަރުކާރުން ދިވެހި އިގުސާދު އާރާސްތުކޮށްފައި ބޭއްވުމުގެ ބޭނުމަކީ ދިވެހި ވަޒީފާތަކާއި ދިވެހިންނަށް ލިބެންޖެހޭ ހިދުމަތްތަައް ހުއްޓުނަނުދީ ކުރިއަށްދާނެ ގޮތަކަށް ބޭއްވުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މަބްރޫކު ވިދާޅުވީ، ވިޔަފާރިތައް ބަންގުރޫޓުވާނަަމަ ވަޒީފާތައް ގެއްލޭނެ ކަމަށެވެ. އެކަމަށްޓަކައި ވިޔަފާރިތައް ބަނރޫޓުވިޔަ ނުދިނުމަށް ސަރުކާރުން ފިޔަވަޅުއަޅަން ޖެހޭ ކަމަށާއި އެއާއެކު ރައްޔިތުންގެ އަތުން ކުރަންޖެހޭ ހަަރަދުވެސް ކުޑަކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން ގެސްޓުހައުސްތައް ހުއްޓާލުމާއެކީ އެފަދަ ތަންތަނަށް ފައިނޭންސިން ސަޕޯޓް ލިބޭނެ ގޮތްތަކެއް ރާވާފައިވާ ކަމަށާއި އާއްމު ހިދުމަތްތައް އަގުހެޔޮ ކުރުމުގެ ގޮތުން ކަރަންޓާއި ފެނުގެ ހިދުމަތުން އަގު ކުޑަކުރެވޭނެ އެންމެ ކުޑަމިނަށް ސަރުކާރުން އަގު ކުޑަކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ވަޒީފާގެ ހާލަތަށް ބަދަލު އައިސްފިނަމަ އިކޮނޮމިކް މިނިސްޓްރީއަށް ހުށަހެޅުމަށް އަންގާފައިވާ ކަމަށްވެސް މަބްރޫކު ވިދާޅުވިއެވެ.