ކޮވިޑް 19

ކަރަންޓީންގައި މި ވަގުތު ތިބީ 496 މީހުުން: މަބްރޫކު

އިބްރާހިމް ޒަކީ

ކޮވިޑް 19 އާއި ގުޅިގެން މިހާރު ކަރަންޓީން ފެސިލިޓީތަކުގައި ތިބީ 496 މީހުން ކަމަށް ކޮވިޑް 19 ގެ މައުލޫމާތު ހާމަ ކުރުމަށް ސަރުކާރުން ކަނޑައަޅުއްވާފައި ހުންނަވާ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒު ވިދާޅުވެއްޖެއެވެ.

ކޮވިޑް 19 އާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި މައުލޫމާތުދެއްވަމުން މަބްރޫކު ވިދާޅުވީ، ކަރަންޓީންގެ އެކި ފެސިލިޓީތަކުގައި 496 މީހުން މިހާރު އެބަތިބި ކަމަށެވެ.

މަބްރޫކު ވިދާޅުވީ، މިހާތަނަށް އައިއިރު ކޮވިޑް 19 އަށް ޓެސްޓް ކުރުމަށް 673 ސާމްޕަލް ނަގާފައިވާ ކަމަށާއި އޭގެ ތެރެއިން 660 ސާމްޕަލް ނެގެޓިވް ވެފައިވާ ކަމަށެވެ.

ހުންއައިސް ރޯގާ ޖެހޭ ފަރާތްތައް ޓެސްޓުކުރުމަށާއި، ދަތުރުކޮށްފައިވާ މާލެ އަންނަ ފަރާތްތަކަށް ހާއްސަކޮށްގެން އިތުރު ފްލޫ ކުލިނިކުތަކާއި ޓްރެވަލް ކުލިނިކުތައް ގާއިމުކުރުމުގެ މަސައްކަތް އަދިވެސް ކުރިއަށްގެންދާ ކަމަށާއި އެގޮތުން އައިޖީއެމްއެޗްގެ އިތުރު ފްލޫ ކްލިނިކެއް ވިލިމާލޭގައި މިއަދު ގާއިިމުކޮށްފައިވާ ކަމަށް މަބްރޫކު ވިދާޅުވިއެވެ. އެ ފްލޫ ކުލިނިކް ހުޅުވާފައި ހުންނާނީ ހެނދުނު 10:00 އިން ހަވީރު 6:00 އަށް ކަން އޭނާ ފާހަގަކުރެއްވިއެވެ.

ކޮވިޑް 19 ފެތުރުނަ ނުދިނުމަށް ރާއްޖޭގައި ރައްކާތެރިކަމުގެ މުހިއްމު ފިޔަވަޅުތަކެއް ވަނީ އަޅައިފައެވެ.

ރާއްޖޭން މިހާތަނަށް 13 މީހަކަށް ކޮވިޑް 19 ޖެހިފައިވާ އިރު، ފަރުވާދީގެން މިހާތަނަށް ފަސް މީހަކު ވަނީ ބަލިން ރަނގަޅު ވެފައެވެ. އޭގެ ތެރެއިން ތިން މީހަކު މީގެ ކުރިން ރަނގަޅުވެފައިވާ އިރު، ރަނގަޅުވެގެން މިއަދު ދެމީހަކު ވަނީ ގެއަށް ދޫކޮށްލައިފައެވެ.

ރާއްޖެއިިން މިހާތަނަށް ކޮވިޑް 19 ޖެހިފައިވަނީ ބިދޭސީންނަށެވެ. ނަމަވެސް ކޮވިޑް 19އަށް ޝައްކުކުރެވޭ އަލާމާތްތައް ފެނިގެން މިހާރުވެސް ބައެއް ދިވެހިން ކޮވިޑް 19އަށް އަންނަނީ ޓެސްޓުކުރަމުންނެވެ.