ކުއްލި ޚަބަރު

ކަސްޓަމްސް އާއި އެމްއޭސީއެލް އާއި އިމިގްރޭޝަން އަދި ޓީއެމްއޭގެ 69 މުވައްޒަފުން އައިސޮލޭޝަނަށް

އިބްރާހިމް ޒަކީ

ކޮވިޑް 19 އާއި ގުޅިގެން ކަސްޓަމްސްގެ 17 މުވައްޒަފަކާއި، އެމްއޭސީއެލްގެ 48 މުވައްޒަފަކާއި އިމިގްރޭޝަންގެ އެއް މުވައްޒަފު އަދި ޓީއެމްއޭގެ ތިން މުވައްޒަފަކު އައިސޮލޭޝަނަށް ގެންގޮސްފައިވާ ކަމަށް ކޮވިޑް 19ގެ ތަރުޖަމާނު މުހައްމަދު މަބުރޫކް އަބްދުލް އަޒީޒް ވިދާޅުވެއްޖެއެވެ.

ކޮވިޑް 19 އާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުދެއްވުމަށް މިއަދު މެންދުރުފަހު ބޭއްވި ނިއުސްކޮންފަރެންސްގައި މައުލޫމާތުދެއްވަމުން މަބްރޫކު ވިދާޅުވީ، އެމީހުން އައިސޮލޭޝަނަށް ގެންގޮސްފައިވަނީ ސިނަމަން ހަކުރާހުރާގެ ކޭސްއާ ގުޅިގެން ކަމަށެވެ. އަދި ސިނަމަން ހަކުރާހުރާއިން ނަގާފައިވާ ސާމްޕަލްގެ ނަތިޖާ އަދި ނުލިބޭ ކަމަށްވެސް ވިދާޅުވިއެވެ.

މަބްރޫކު ވިދާޅުވީ، މިމަހުގެ 20 ވަނަ ދުވަހު މާލެ އައި ދިވެއްސަކު ޓެސްޓް ހެދުމަށްފަހު އޭނާވެސް އައިސޮލޭޓް ކުރެވިފައިވާ ކަމަށާއި އެ ކޭސްއާ ގުޅިގެން ވެސް މާލޭގައި އިތުރު ކޮންޓެކްޓް ޓްރޭސިން ހެދޭނެ ކަމަށެވެ.

ރާއްޖޭން މިހާތަނަށް 13 މީހަކަށް ކޮވިޑް 19 ޖެހިފައިވާ އިރު، ފަރުވާދީގެން މިހާތަނަށް ފަސް މީހަކު ވަނީ ބަލިން ރަނގަޅު ވެފައެވެ. އޭގެ ތެރެއިން ތިން މީހަކު މީގެ ކުރިން ރަނގަޅުވެފައިވާ އިރު، ރަނގަޅުވެގެން މިއަދު ދެމީހަކު ވަނީ ގެއަށް ދޫކޮށްލައިފައެވެ.

ރާއްޖެއިިން މިހާތަނަށް ކޮވިޑް 19 ޖެހިފައިވަނީ ބިދޭސީންނަށެވެ. ނަމަވެސް ކޮވިޑް 19އަށް ޝައްކުކުރެވޭ އަލާމާތްތައް ފެނިގެން މިހާރުވެސް ބައެއް ދިވެހިން ކޮވިޑް 19އަށް އަންނަނީ ޓެސްޓުކުރަމުންނެވެ.