އިބްރާހިމް ޒަކީ
ރާއްޖެއިން ފުރި ފަހުން ކޮވިޑް 19 އަށް ޕޮޒިޓިވްވި މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ މާރުއާން ފެލައިނީގެ މައްސަލައިގައި ދެ ބިލްޑިންގެއް މޮނިޓަރިންގެ ހާލަތަށް ގެނަސްފައިވާ ކަމަށް ކޮވިޑް 19 ގެ ތަރުޖަމާނު މުހައްމަދު މަބުރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.
މިމަހު އަށްވަނަ ދުވަހު ރާއްޖެ އައި ފެލައިނީ ރީތިރަށް ރިސޯޓްގައި ޗުއްޓީ ހޭދަ ކުރުމަށްފަހު ރާއްޖެއިން ފުރާފައި ވަނީ މިމަހުގެ 12 ވަނަ ދުވަހުއެވެ.
އޭނާ ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައިވާކަން އެނގުނީ މިމަހުުގެ 20 ވަނަ ދުވަހު ޗައިނާގައި ހުއްޓައެވެ.
ކޮވިޑް 19 އާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި މައުލޫމާތު ދެއްވަމުން މަބްރޫކު ވިދާޅުވީ، ފުޓްބޯޅަ ކުޅުންތެރިޔާއާ ޑައިރެކްޓް ކޮންޓެކްޓް ހަދާފައި ތިބި ބަޔަކު އެ ދެގޭގައި ތިމުން އެ ދެ ބިލްޑިންގ ގައި ތިބި މީހުންގެ ސާމްޕަލް ނެގެންދެން އެ ދެ ބިލްޑިންގ ހުންނާނީ މޮނިޓަރިންގެ ހާލަތުގައި ކަމަށެވެ.
އޭގެ އިތުރުންވެސް އިތުރު ކޮންޓެކްޓްތަކުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އޭނާއާ ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ކްލިނިކަށް ހުށަހަޅަމުން އަންނަ ކަމަށްވެސް މަބުރޫކް ވިދާޅުވިއެވެ.
މަބްރޫކު ވިދާޅުވީ އެކަމާގުޅިގެން ރީތިރަށް ރިސޯޓް މޮނިޓަރިންއަށް ގެނެސްފައި ނުވަނީ ފުޓްބޯޅަ ކުޅުންތެރިޔާގެ ހާދިސާއާ ގުޅިގެން ޝައްކު ކުރެވޭ ކަމެއް ރިސޯޓުން ފެނިފައި ނުވާތީ ކަމަށެވެ. އަދި އެފަދަ ކަމެއް ފެނިއްޖެ ނަމަ ކުރިންވެސް ކަންތައް ކޮށްފައިވާ ގޮތަށް އެ ރިސޯޓް މޮނިޓަރިންއަށް ގެންނާނެ ކަމަށެވެ.