ކުއްލި ޚަބަރު

ރާއްޖޭގައި ފަރުވާ ދެމުން އަންނަ އިތުރު ދެ މީހުން ފަސޭހަވެ ކޮވިޑުން ރަނގަޅުވި ޖުމުލަ އަދަދު ފަހަކަށް!

އިބްރާހިމް ޒަކީ

ރާއްޖޭގައި ފަރުވާ ދެމުން އަންނަ އިތުރު ދެ މީހުން ފަސޭހަވެ ކޮވިޑުން ރަނގަޅުވި ޖުމުލަ އަދަދު ފަހަކަށް އަރައިފި އެވެ.

ކޮވިޑް 19 އާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހާމަ ކުރުމަށް، ދަރުބާރުގޭގައި މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި މައުލޫމާތު ދެއްވަމުން ޑރ. މުހައްމަދު އިސްމާއީލް ވިދާޅުވީ، މިއަދު ރަނގަޅުވި ދެމީހުން ގެއަަށް ދޫކޮށްލާފައިވާ ކަަމަށެވެ. އަދި މިހާރު ފަރުވާ ދެމުން އަންނަނީ އަށް މީހުނަށް ކަމަށްވެސް ވިދާޅުވިއެވެ.

"އެނގިވަޑައިގަންނަވާނެ ރާއްޖޭގައި ކޮވިޑް 19 އަށް ޕޮޒިޓިވްވި 13 މީހުންގެ ތެރެއިން ތިން މީހުން ނެގެޓިވް ވި ވާހަކަ، ރަނގަޅުވި ވާހަކަ، މިއަދު އަލަށް ދެމީހަކު ވަނީ ރަނގަޅުވެފަ އަދި ފަރުވާދޭ ތަނުން ގެޔަށް ދޫކޮށްލެވިފަ، އެހެންކަމުން މިހާރު ޖުމުލަ ފަސް މީހުން ރަނގަޅުވީ، ބާކީ ފަރުވާދެމުން އަންނަނީ އަށް މީހުންނަށް،" ޑރ. މުހައްމަދު އިސްމާއީލް ވިދާޅުވި އެވެ.

އިތުރު ތަފްސީލު ދެއްވަމުން ޑރ. މުހައްމަދު އިސްމާއީލް ވިދާޅުވީ ކޮވިޑް 19އަށް ޕޮޒޮޓިވް ވި 13 މީހުންގެ ތެރެއިން ފަސް މީހުން ރަނގަޅު ވުމަކީ ބަލި ފެތުރުމަށް އޮތް ރިސްކު ކުޑަވެގެންދިއުން ނޫން ކަމަށެވެ. އަދި އެއީ އިޖުތިމާއީ ގައިދުރުވުން ހުއްޓާލަން ޖެހޭ ކަމެއްނޫން ކަމަށައި، ގެއިން ބޭރަށް ނިކުގެ މީހުން ގިނަ ތަންތަނަށް އެއްވުމަށް އޮތް ސަބަބެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ.

ޑރ. މުހައްމަދު އިސްމާއީލް ވިދާޅުވީ ކޮވިޑް 19އަށް އަދިވެސް ބައެއް މީހުންނަށް ފަރުވާ ދެމުން ދިއުމާއި އެފަދަ މީހުންނަށް ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ ފަރާތްތައް އައިސޮލޭޓް ކުރެވި މޮނިޓާ ކުރަމުން އަންނައިރު އެ ބަލި އެކެއްގެ ފުށުން އަނެކަކަށް ނުވަތަ ދެމީހުންނަށް ޖެހުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ. އެހެންކަމުން އެ ޗެއިން ބްރޭކް ކޮށްލުމަށް ކަމާބެހޭ ފަރާތަކުން މިހާރުވެސް ދެމުން އަންނަ އިރުޝާދުތަކާ އެއްގޮތަށް ކަންތައްތައް ކުރިއަށް ގެންދިއުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަަމަށްވެސް ވިދާޅުވިއެވެ.

މި ނިއުސްކޮންފަރެންސްގައި ކޮވިޑް 19ގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒު ވިދާޅުވީ، ކޮވިޑް 19 ޖެހިފައިވާ މީހުން ފަސޭހަ ވުމުގައި ޑޮކްޓަރުން ކުރެއްވި މުހިއްމު ބުރަ މަސައްކަތް ފާހަގަ ކުރެވޭ ކަމަށާއި އެކަމަށް ޓަކައި ޝުކުރު އަދާކުރައްވާ ކަމަށެވެ.