ކޮވިޑް 19

ކޮވިޑް 19 އާއި ގުޅިގެން އަޅަމުން އަންނަ ފިޔަވަޅުތަކަށް ކެތްތެރިވެ އެއްބާރުލުން ދިނުމަށް މައިމޫނާ އެދިވަޑައިގެންފި

ކޮވިޑް 19 އާއި ގުޅިގެން، ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިވަޑައިގަންނަވާ ގާނޫނީ ބާރުގެ ދަށުން، އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް، އަޅަމުން އަންނަ ފިޔަވަޅު ތަކަކީ މުސްތަގުބަލަށް ޓަކައި އަޅަން ޖެހޭ ފިޔަވަޅުތަކެއް ކަމަށާއި އެ ފިޔަވަޅުތަކާއި ގުޅިގެން މިވަގުތު ކުރިމަތިވާ ދަތިތަކަށް ކެތްތެރިވުމަށް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު އެދިވަޑައިގެންފި އެވެ.

ކޮވިޑް 19 އާއި ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި ގުޅިގެން، ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު އާއްމު ފަރާތްތަކަށް ދެއްވި މެސެޖު އިއްވަވަމުން ކޮވިޑް 19 އާއި ބެހޭ މައުލޫމާތު ހާމަ ކުރުމަށް ސަރުކާރުން ކަނޑައަޅުއްވާފައި ހުންނަވާ ތަރުޖަމާނު މުހައްމަދު މަބުރޫކް އަޒީޒު، ރޭ ވިދާޅުވީ، އެ ފިޔަވަޅުތަކާއި ގުޅިގެން ދިމާވާ ދަތިތަކަށް ކެތްތެރިވެ އެ ކަންތައްތަކަށް އެއްބާރުލުން ދެއްވުމަށް މައިމޫނާގެ މެސެޖުގައި އެދިވަޑައިގެންފައިވާ ކަމަށެވެ. އަދި އައިސޮލޭޝަން އާއި ކަރަންޓީންގައި ހުންނަން ޖެހުމުން ގިނަ ދަތިތަކެއް ކުރިމަތިވާނެކަން އެނގިވަޑައިގަންނަވާ ކަމަށާއި، ނަމަވެސް އެއީ މުސްތަގުބަލަށް ޓަކައި އަޅަން ޖެހޭ ފިޔަވަޅެއް ކަމަށް ޑީޖީޕީ ވިދާޅުވި ކަމަށް ވެސް މަބްރޫކު ވިދާޅުވިއެވެ.

ކޮވިޑް 19 އާއި ގުޅިގެން އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ރާއްޖޭން ވަނީ ރައްކާތެރި ކަމުގެ މުހިއްމު ފިޔަވަޅުތަކެއް އަޅައިފައެވެ.

އޭގެ ތެރޭގައި އެއް ހަފުތާއަށް ސަރުކާރު ބަންދު ކުރުމާއި، ހޮޓާ، ކެފޭ، ރެސްޓޯރެންޓްތައް ބަންދު ކުރުމުގެ އިތުރުން، ކިޔަވައިދޭ ހުރިހާ ތަނެއް ބަންދު ކުރުމާއި ރިސޯޓުތަކުންނާއި ސަފާރީ ފަދަ އުޅަނދުތަކުން މީހުން ރަށްރަށަށް ދިއުން ހުއްޓުވުމުން ހިމެނެ އެވެ. އަދި ގޭގައި މީހުން މަޑު ކުރުމަށް ތަކުރާރުކޮށް ގެންދަނީ އިލްތިމާސް ކުރަމުންނެވެ.

މީގެ އިތުރުން ވައިގެ މަގުން ރާއްޖެ އަންނަ މީހުންގެ ތެރެއިން ފަތުރުވެރިން ފިޔަވައި އެހެން އެންމެން 14 ދުވަސްވަންދެން ކަރަންޓީން ކުރުމަށް ވެސް ވަނީ ހަމަޖައްސައިފައެވެ.