ކޮވިޑް 19 އާއި ގުޅިގެން، ބައިނަލް އަގުވާމީ ފެނުގެ ދުވަހުގެ ހަރަކާތްތައް ސޯޝަލް މީޑިއާ މެދުވެރިކޮށް ކުރިއަށް ގެންދަން ގައުމީ ފެން ކުންފުނި، އެމްޑަބްލިއުއެސްސީން ފަށައިފި އެވެ.
ބައިނަލް އަގުވާމީ ފެނުގެ ދުވަހަކީ ކޮންމެ އަހަރެއްގެ ވެސް މާޗް މަހުގެ 22 ވަނަ ދުވަހެވެ.
ފެނުގެ ދުވަހުގެ ހަރަކާތްތައް ސޯޝަލް މީޑިއާ މެދުވެރިކޮށް ފަށާފައިވަނީ ފެން އިސްރާފު ނުކުރުމަށް ނަސޭހަތްތެރި ވުމާއި ކޮވިޑް 19 އިން ރައްކާތެރިވުމަށް ސާފުތާހިރު ވާން ޖެހޭ ކަންތައްތަކާ ބެހޭ ގޮތުންނެވެ.
އެގޮތުން ސިއްހީ މާހިރުން ލަފާ ދެއްވަމުން ގެންދަވާ ގޮތަށް ރައްކާތެރިކަމާއެކު އަތްދޮވުމަށް ސަމާލު ވުމަށް އެމްޑަބްލިއުއެސްސީން ވަނީ އިލްތިމާސް ކޮށްފައެވެ. އަދި ކޮވިޑް 19އިން ރައްކާތެރިވުމަށް އަތްދޮވުމުގައި ސަމާލުކަން ދޭންވީ ކަންތައްތަކެއްވެސް އެމްޑަބްލިއުއެސްސީން ވަނީ ފާހަގަ ކޮށްފައެވެ.
އޭގެ ތެރޭގައި، އިސްްރާފު ނުކޮށް އަތް ދޮވުމާއި، މޫނުގައި އަތް ނުލުމާއި، ގައި ދުރު ކުރުމާއި، ފެން ބޭނުން ކުރުމަށްފަހު އިސްކުރު ބަންދު ކުރުމާއި، 20 ސިކުންތު ވަންދެން ސައިބޯނި ލައިގެން އަތްދޮވުމާއި، ސައިބޯނިން ދެ އަތް އުނގުޅާއިރު އަތްތިލައިގެ ފަހަތް، އިނގިލިތަކުގެ ދޭތެރެ، ނިޔަފަތިތަކުގެ އަޑިޔަށް ސަމާލުކަން ދީ ރަނގަޅަށް ދޮވުން ހިމެނެއެވެ.
އަތް ދޮވުމަށްފަހު ޓިޝޫއަކުން ނުވަތަ ސާފު ފޮތިކޮޅަކުން ރަނގަޅަށް އަތް ހިއްކާލުމާއި، ސައިބޯންޏާއި އިސްކުރު ފެން ނެތް ހާލަތެއްގައި މަދުވެގެން 60 ޕަސެންޓް އަލްކޮހޯލް ހިމެނޭ ސެނިޓައިޒާއެއް ބޭނުންކޮށްގެން 20 ސިކުންތު ވަންދެން އަތްތިލައިގެ ހުރިހާ ދިމާލެއް ރަނަގަޅަށް އުނގުޅުމަށްވެސް ވަނީ އިރުޝާދު ދީފައެވެ. އަދި ގިނަގިނައިން އަތް ދޮންނަން ބާރު އެޅުމުގެ އިތުރުން އަތް ދޮވުމަށް އިތުރަށް ސަމާލުކަން ދޭން ޖެހޭ ދަނޑިވަޅުތައް ވެސް އެމްޑަބްލިއެސްސީން ވަނީ ފާހަގަ ކޮށްފައެވެ.
އެގޮތުން ކެއްސައި ކިނބިހި އެޅުމާއި ނޭފަތް ފޮޅުމަށްފަހު އަދި ކެއުމުގެ ކުރިންނާއި ފަހުން އަތް ދޮންނަން ވާނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނެފައި ވެއެވެ. އަދި އެއްވެސް ތަނަކު، ނުވަތަ ފައިސާގައި ނަމަވެސް އަތްލުމަށްފަހު ރަނގަޅަށް އަތް ދޮވުމަށް ސަމާލުކަން ދިނުމާއި، ބަލި މީހަކަށް އެހީތެރިވުމާއި، އާންމުން އެއްވެ އުޅޭ ތަންތަނަށް ދިއުމަށްފަހު ވެސް އަތް ދޮވުމަށް އިތުރު ސަމާލުކަމެއް ދިނުމަށް އެކުންފުނިން ވަނީ އިލްތިމާސް ކޮށްފައެވެ.
ކަމާބެހޭ ފަރާތްތަކުން ދޭ އިރުޝާދާ އެއްގޮތަށް މި ދަނޑިވަޅުގައި ގޭގައި މަޑުކުރުމަށްވެސް ފެން ކުންފުނީން ވަނީ އިލްތިމާސް ކޮށްފައެވެ.
މީގެ އިތުރުން ފާހަނާ ބޭނުން ކުރުމަށްފަހުގަ އާއި އުކައިލެވޭ ތަކެތީގަ އާއި ގެންގުޅޭ ޖަނަވާރުގައި އަތްލުމަށްފަހުގަ އާއި، ތުއްތު ކުދިންގެ ނެޕީ ބަދަލު ކުރުމަށްފަހު އަތް ދޮވުމަށް ބާރު އެޅުމަށް ވެސް އެދިފައި ވެއެވެ.
ފެނުގެ މުހިއްމުކަން ބަޔާންކޮށް، އެމްޑަބްލިއުއެސްސީން ބުނީ ދުނިޔޭގެ ކޮންމެ ނުވަ މީހުންގެ ތެރެއިން އެކަކީ ސާފު ފެން ލިބުމުން މަހުރޫމުވެފައިވާ މީހެއް ކަމަށެވެ. ނަމަވެސް އެމްޑަބްލިއުއެސްސީން ދޫކުރާ ފެނަކީ ސާފު ރައްކާތެރި ފެން ކަމުގެ ޔަގީންކަން އެކުންފުނިން ދީފައި ވެއެވެ.
އެ ކުންފުނިން ބުނެފައިވަނީ ކޮވިޑް 19އިގެ ނުރައްކާ އޮތް މި ދަނޑިވަޅުގައި މި ބައްޔާއި ދެކޮޅަށް ތެދުވެވޭނީ ސާފުތާހިރުކަމުގެ އާދަތަކުގައި ހިފައިގެން ކަމަށެވެ.