މިންހާ ފާއިޒް ރަޝާދު
ގާޒާގައި ކޮވިޑް 19 އަށް ޕޮޒިޓިވް ދެމީހަކު ފެނި ބިރުވެރިކަން އުފެދިއްޖެ އެވެ.
ދެ މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ގާޒާއިން ކޮވިޑް19 ފެނުމާއެކު ފަލަސްތީނުގެ ބޮޑު ވަޒީރު މުހައްމަދު ސްޓެއްޔާ ވަނީ އާދިއްތަ ދުވަހުން ފެށިގެން ދެހަފުތާ ވަންދެން އެންމެން ގޭގައި މަޑުކުރުމަށް އަންގަވާފައެވެ. ކަމާ ގުޅޭ ދާއިރާތަކުގެ މީހުން ފިޔަވައި އާންމުންގެ މީހުނަށް މަގުމައްޗަށް ނުކުމެ އުޅެވޭނީ ޒަރޫރީ ބޭނުމެއްގައި އެކަންޏެވެ.
ގާޒާ އިން ކޮވިޑް19 އަށް ޕޮޒިޓިވްވީ 79 އަހަރުގެ މީހަކާއި 63 އަހަރުގެ މީހެކެވެ. އެދެމީހުންނަކީވެސް ޕާކިސްތާނުން އެގައުމަށް ދިޔަ ދެމީހުންނެވެ. އެ ދެމީހުން މިހާރުވަނީ ކަރަންޓީނު ކޮށްފައެވެ. އަދި އެމީހުންނާ ކޮންޓެކްޓްވި އެހެން މީހުންވެސް ވަނީ ކަަރަންޓީނުކޮށްފައި ކަމަށް އޮފިޝަލުން މައުލޫމާތު ދެއެވެ.
ގާޒާ އަކީ ރެފިއުޖީ ކޭމްޕުތައް ވަރަށް ގިނަ ސިޓީއެކެވެ. އެހެންކަމުން އެ ސިޓީގައި އެއްވެސް ވަރަަކަށް ބަލި ފެތުރެން ފަށައިފި ނަމަ ކޮންޓްރޯލު ނުކުރެވިދާނެ ކަމުގެ ބިރު އޮތުމުން މީހުންގެ ރައްކާތެރިކަމަށް ޓަކައި ގިނަ ފިޔަވަޅުތައް ވަނީ އަޅާފައެވެ.
ފަލަސްތީނުގައިވެސް މިސްކިތްތަކުގައި ނަމާދުކުރުން މަނާކޮށްފައިވާއިރު ވެންޓިލޭޓަރު ވެސް ބޭނުން ކަމުގައި އެގައުމުގައި ހުންނަ ވޯލްޑް ހެލްތު އޯގަނައިޒޭޝަންގެ ހެޑް އޮފީހުން ވަނީ ބުނެފައެވެ.