ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް 19 އިން ރައްކާތެރިވުމަށް ސައުދީ އަރަބިއްޔާ ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތައް ހަރުދަނާ ކުރުމުގެ ގޮތުން އެ ގައުމުގައި ކާފިއު އިއުލާނު ކޮށްފިއެވެ.
ސައުދީގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ސަރުކާރުގެ މި ނިންމުމަކީ އެގައުމުން ކޮވިޑް 19އަށް ޕޮސިޓިވްވާ މީހުން ގިނަ ވުމާއި ގުޅިގެން ނިންމި ނިންމުމެކެވެ.
ރޮއިޓާސް ގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ސައުދީ ރަސްގެފާނު އެގައުމުގައި ކާފިއު އިއުލާނު ކުރުމަށް އަމުރުކުރައްވާފައިވަނީ މިއަދުން ފެށިގެން 21 ދުވަހުގެ ނިޔަލަށެވެ. އެއީ ކޮންމެ ދުވަހަކު 19:00 އިން ހެނދުނު 6:00 އަށް ކަމަށް ރޮއިޓާސްގައި ރިޕޯޓު ކޮށްފައި ވެއެވެ.
ސައުދީގެ އިތުރުން ޔޫއޭއީން ވެސް ކޮވިޑް 19އަށް ރައްކާތެރި ވުމަށް ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށް ރޮއިޓަސް އިން ރިޕޯޓު ކޮށްފައި ވެއެވެ. އެގޮތުން ޔޫއޭއީއަށް މީހުން ގޮވައިގެން ދަތުރު ކުރާ ފްލައިޓު ތަކާއި، އެގައުމަށް ޓްރާންސިޓް ކުރާ ފްލައިޓުތައް ދެ ހަފުތާގެ މުއްދަތަކަށް ހުއްޓާލާފައިވާ ކަމަށް ރިޕޯޓު ކޮށްފައި ވެއެވެ.