ކުއްލި ޚަބަރު

އެކްސްކާޝަންގެ ގޮތުގައި އެއްވެސް ތަނަކުން މީހުން އައުމާއި ދިއުން ހުއްޓާލަން އަންގައިފި

އެކްސްކާޝަންގެ ގޮތުގައި އެއްވެސް ތަނަކުން މީހުން އައުމާއި ދިއުން ސަރުކާރުން މަނާކޮށްފިއެވެ.

މިމަހުގެ 12 ވަނަ ދުވަހު އިއުލާންކުރި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދޭ ބާރުގެ ދަށުން މީގެ ކުރިން ވަނީ އެކްސްކާޝަންތަކަށް ފަތުރުވެރިން މާލެ ސިޓީއަށް ގެނައުން މަނާކޮށްފައެވެ.

އޭގެ އިތުރުން މީހުން ދިރިއުޅޭ ރަށްރަށަށް އެކްސްކާޝަނަށް ދިއުމާއި، މީހުން ދިރިއުޅޭ ރަށްރަށުން ފަތުރުވެރިން ރިސޯޓުތަކަށާއި ސަފާރީތައް ފަދަ ތަންތަނަށް އެކްސްކާޝަނަށް ދިއުން ހުއްޓާލުމަށް ވެސް ވަނީ އަންގައިފައެވެ.

ނަމަވެސް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ އެޗްޕީއޭ އިން މިއަދު ނެރުނު އެންގުމެއްގައި ބުނެފައިވަނީ، މިއަދުން ފެށިގެން އެކްސްކާޝަންގެ ގޮތުގައި އެއްވެސް ތަނަކުން މީހުން އައުމާއި ދިއުން ހުއްޓާލަން އަންގާ ކަމަށެވެ.

އޭގެ ތެރޭގައި ރަށްރަށުންނާއި ރިސޯޓްތަކުންނާއި ސަފާރީ އަދި ގެސްޓްހައުސްތައް ހިމެނެއެވެ.

އެކަމާ ގުޅިގެން އެފިޔަވަޅުތައް ފުރިހަމައަށް އަމަލުކުރުމަށް، އެންމެހައި އިދާރާތަކަށާއި ފަރާތްތަކަށް އަންގާ ކަމަށް ވެސް އެޗްޕީއޭގެ ބަޔާނުގައިވެއެވެ.

ހެލްތު މިނިސްޓަރަށް ލިބިގެންވާ ބާރުގެ ދަށުން މިމަހުގެ 12 ވަނަ ދުވަހު މިނިސްޓަރު އަބްދުﷲ އަމީން ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ހާލަތު އިއުލާންކޮށްފައިވަނީ 30 ދުވަހުގެ މުއްދަތަކަށެވެ.