ކުއްލި ޚަބަރު

ނޭޕާލުން އިތުރު 51 ޑޮކްޓަރުން ރާއްޖެ ގެންނަނީ

އަލީ ޔާމިން

ކޮވިޑް 19އާ ގުޅިގެން އިތުރު 51 ޑޮކްޓަރުން ނޭޕާލުން ރާއްޖެ ގެނައުމަށް ސަރުކާރުން ނިންމައިފިއެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް 19ގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒު ވިދާޅުވީ، ރާއްޖެއިން ބޭރުގައި ސިއްހީ ދާއިރާއިން ކިޔަވަމުން ގެންދާ ދަރިވަރުންގެ ތެރެއިން މިހާލަތުގައި ރާއްޖޭގެ ސިއްހީ ދާއިރާއަށް އެހީތެރިވާން އާދެވޭނެ ދަރިވަރުން އެކަން އެންގުމަށް ހެލްތު މިނިސްޓްރީން ހުޅުވާލި ފުރުސަތުގައި ނޭޕާލުގައި ތިބި އިތުރު 51 ޑޮކްޓަރަކު ރާއްޖެ އައުމަށް ނިންމާފައިވާ ކަމަށާއި އެ ފަރާތްތައް މިމަހުގެ 24 ވަނަ ދުވަހު ރާއްޖެ އަންނާނެ ކަމަށެވެ.

"ފޮރިން މިނިސްޓްރީން މައުލޫމާތު އަރުވަނީ ވޮލެންޓަރީ ކުރަން ހުޅުވާލި ފުރުސަތުގެ ތެރެއިން އިތުރު 51 ޑޮކްޓަރަކު 24 މާޗު ވާ ދުވަހު އަނެއްކާވެސް ރާއްޖެ އަންނާނެ ކަމަށް،" މަބްރޫކް ވިދާޅުވިއެވެ.

ރާއްޖެއިން ބޭރުގައި ސިއްހީ ދާއިރާއިން ކިޔަވަމުން ގެންދާ ދަރިވަރުންގެ ތެރެއިން މިހާލަތުގައި ރާއްޖޭގެ ސިއްހީ ދާއިރާއަށް އެހީތެރިވުމަށް ނޭޕާލުގައި ތިބި 36 ފަރާތެއް ވަނީ މިއަދު ރާއްޖެ އައިސްފައެވެ. އޭގެ ތެރޭގައި 26 ޑޮކްޓަރުން ހިމެނެއެވެ.

ރާއްޖެއިން ބޭރުގައި އެކި ގައުމުތަކުގައި ތިބި ދިވެހި ޑޮކްޓަރުންނާއި ސިއްހީ ދާއިރާއިން ކިޔަވާ ދަރިވަރުން ރާއްޖޭގައި ވޮލަންޓިއާ ކުރުމަށް އައުމުގެ ފުރުސަތު އަދިވެސް އެބައޮތެވެ. އެޗްޕީއޭއިން ބުނީ އެކަމަށް ޝައުގުވެރިވާ ދަރިވަރުން [email protected] އަށް މެއިލް ކުރުމަށް އެދޭ ކަމަށެވެ.