ކުއްލި ޚަބަރު

ކޮވިޑް 19 އަށް ޕޮޒިޓިވްވި މީހަކާ ކޮންޓެކްޓުވި ދެ ދިވެއްސަކު ބައްޔަށް ޓެސްޓު ކުރަނީ

ކޮވިޑް 19 އަށް ޕޮޒިޓިވްވި މީހަކާ ޑައިރެކްޓް ކޮންޓެކްޓު ވެފައިވާ ދެ ދިވެއްސެއްގެ ފަރާތުން ބަލީގެ އަލާމާތްތައް ފެނިގެން ޓެސްޓު ކުރަމުންދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން މިރޭ ކުރި ޓުވީޓެއްގައި ބުނީ، އެ ދެމީހުން ވެލިދޫގައި ގާއިމްކޮށްފައިވާ އައިސޮލޭޝަން ފެސިލިޓީއަށް ގެންގޮސް އެކަހެރި ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ނަމަވެސް އެމީހުން ކޮންޓެކްޓް ވެފައިވަނީ ކޮންތަނަކުން ކޮންޓެކްޓުވި މީހަކާ ކަމެއް އަދި އަލާމާތްތައް ފެނުނު ދެ މީހުން އުޅުނީ ކޮންތަންތަނެއްގައި ކަމެއް އެޗްޕީއޭ އަދި ހާމައެއް ނުކުރެއެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައިވަނީ 13 މީހެކެވެ. އެ އެންމެންނަކީ ވެސް ބިދޭސީންނެވެ. އަދި ރާއްޖެއިން އިތުރު ޕޮޒިޓިވް ކޭސް އެއް ނުފެނި މިހާރު ވަނީ ހަފްތާއެއް ވެފައެވެ.

ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ތިން މީހަކު ކޮވިޑް 19 ބަލިން ރަނގަޅުވެފައިވާ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

ބަލިން ރަނގަޅުވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ ކްރިޓިކަލް ކެއާގައި ފަރުވާ ދެމުންދިޔަ އިޓަލީގެ ދުވަސްވީ ދެމަފިރިންނާއި ކުރެއްދޫން ޕޮޒިޓިވްވި މީހެކެވެ.