މުޅި ދުނިޔެއިން ކޮވިޑް 19 އަށް ޕޮސިޓިވްވި މީހުންގެ އަދަދު ތިން ލައްކައަށް ވުރެ މައްޗަށް އަރައިފިއެވެ.
މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅު ޗައިނާއިން ފެނުނު ކޮވިޑް 19 ބަލީގެ ތަފާސް ހިސާބުތަކަށް ބަލާއިރު މުޅި ދުނިޔެއިން އެބަލީގެ 318،379 ކޭސް ވަނީ ފެނިފައެވެ. އަދި އޭގެ ތެރެއިން 96،000 އަށްވުރެ ގިނަ މީހުން އެބަލިން ރަނގަޅުވެފައިވާއިރު 13،671 މީހަކު ވަނީ އެބަލީގައި މަރުވެފައެވެ.
ކޮވިޑް 19 ފެތުރިފައިވާ ވަކިވަކި ގައުމުތަކަށް ބަލާއިރު މިހާތަނަށް އެބަލީގެ އެންމެ ގިނަ ކޭސް ފެނިފައިވަނީ ވައިރަސް ފެތުރެން ފެށި ޗައިނާގައެވެ. އެގައުމުން މިހާތަނަށް 81،000 އަށްވުރެ ގިނަ ކޭސް ފެނިފައިވާއިރު 3200 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.
ނަމަވެސް ބަލި ޖެހުނު މީހުންގެ ތެރެއިން 72،000 އަށްވުރެ ގިނަ މީހުން ވަނީ އެބަލިން ރަނގަޅުވެފައެވެ.
ދެވަނަ އަށް އެންމެ ގިނަ ކޭސްތައް ފެނިފައިވަނީ މިހާރު ކޮވިޑް 19 އެންމެ ހަލުވިކަމާއެކު ފެތުރެމުންދާ އިޓަލީގައެވެ. އެގައުމުން އެބަލީގެ 53،000 އަށްވުރެ ގިނަ ކޭސް ވަނީ ފެނިފައެވެ. އަދި އިޓަލީގައި އެބަލީގައި މިހާތަނަށް އެންމެ ގިނަ އަދަދެއްގެ މީހުން މަރުވި ގައުމުވެސް މެއެވެ.
އެގޮތުން އެގައުމުގައި އެބަލި ޖެހިގެން މިހާތަނަށް 4800 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. މިއީ ވައިރަސް އެންމެ ބޮޑަށް ފެތުރުނު ޗައިނާއާ އަޅާބަލާއިރު 1500 މީހުންނަށްވުރެ އިތުރު އަދަދެކެވެ.
ކޮވިޑް 19 ބަލީގެ އެންމެ ގިނަ ކޭސްތައް ދެން ފެނިފައިވަނީ ސްޕެއިން، އެމެރިކާ އަދި ޖަރުމަނުންނެވެ. އެގޮތުން ސްޕެއިން އިން 28،000 އަށްވުރެ ގިނަ މީހުުންނަށް އެބަލި ޖެހިފައިވާއިރު 1700 އަށްވުރެ ގިނަ މީހުން އެގައުމުން ވަނީ މަރުވެފައެވެ.
އެމެރިކާއަށް ބަލާއިރު އެގައުމުގައި ވެސް ގާތްގަނޑަކަށް 27،000 މީހުންނަށް އެބަލި ޖެހިފައިވެއެވެ. ނަމަވެސް އެގައުމުން ބަލީގައި މަރުވެފައިވަނީ 349 މީހުންނެވެ. ޖަރުމަނުން ކޮވިޑް 19ގެ ގާތްގަނޑަކަށް 24،000 ކޭސް ފެނިފައިވާއިރު އެގައުމުން އެބަލީގައި މިހާތަނަށް މަރުވެފައިވަނީ 93 މީހެކެވެ.
ޖަރުމަނަކީ މިހާތަނަށް ކޮވިޑް 19 އެންމެ ބޮޑަށް ފެތުރިފައިވާ ގައުމުތަކުގެ ތެރެއިން އެބަލީގައި އެންމެ މަދުން މީހުން މަރުވެފައިވާ ގައުމެވެ.
މުޅި ދުނިޔެއަށް ބަލާއިރު ކޮވިޑް 19 ވަނީ 199 ގައުމުން ފެނިފައެވެ. އެއާއެކު ގިނަ ގައުމުތަކުން އަންނަނީ އެބަލި ކޮންޓްރޯލް ކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ބައެއް ގައުމުތައް ލޮކްޑައުންކޮށް، އެގައުމުތަކަށް މީހުން އެތެރެވުން ވަނީ މަނާކޮށްފައެވެ.