ކޮވިޑް 19 އާ ދެކޮޅަށް ބަންގްލަދޭޝުން އަޅަމުންގެންދާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން މިއަދުން ފެށިގެން ބަންގްލަދޭޝަށް ވަނުމަށް ދޫކުރާ އޮން އެރައިވަލް ވިސާ ދޫކުރުން ވަގުތީގޮތުން މެދުކަނޑާލުމަށް އެގައުމުގެ ސަރުކާރުން ނިންމައިފިއެވެ.
ބަންގްލަދޭޝުން އޮން އެރައިވަލް ވިސާ ދޫކުރުން ވަގުތީގޮތުން މެދުކަނޑާލިކަން އަންގާފައިވަނީ ފޮރިން މިނިސްޓްރީންނެވެ. އަދި ބަންގްލަދޭޝްގެ ސަރުކާރުން ކޮވިޑް 19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ސަމާލުވުމަށް މިނިސްޓްރީން އެދެއެވެ.
އޮން އެރައިވަލް ވިސާ ދޫކުރުން ވަގުތީގޮތުން މެދުކަނޑާލުމުގެ އިތުރުންވެސް ކޮވިޑް 19 އާ ދެކޮޅާށް އަޅާ ފިޔަވަޅުތައް ހަރުދަނާކުރުމަށް ބަންގުލަދޭޝުން އިތުރު ފިޔަވަޅުތައް އަޅާފައިވެއެވެ. އެގޮތުން މިރޭ 12:00 އިން މިމަހު 31ގެ ނިޔަލަށް ބަހުރެއިން، އިންޑިއާ، ކުވައިތު، ގަތަރު، ސައުދީ އަރަބިއްޔާ، ސިންގަޕޫރު، ތުރުކީ އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ފަސިންޖަރުން ގޮވައިގެން ކުރާ ބައިނަލްއަގުވާމީ ދަތުރުތައް މެދުކަނޑާލުމަށް އެ ގައުމުން ވަނީ ނިންމައިފައެވެ.
މީގެ އިތުރުން މިމަހު އެއްވަނަ ދުވަހުން ފެށިގެން އިރާން ނުވަތަ ޔޫރަޕުގެ ގައުމަކަށް ދަތުރުކޮށްފައިވާ ނުވަތަ އެތަނުން ގައުމެއްގައި އުޅެފައިވާ ފަސިންޖަރުން ބަންގްލަދޭޝަށް ވަނުން އެގައުމުގެ ސަރުކާރުން ވަނީ ވަގުތީގޮތުން މަނާކޮށްފައެވެ. އަދި ބަންގްލަދޭޝަށް ދަތުރު ކުރާއިރު، ނުވަތަ ދަތުރުކުރުމަށް ވިސާ ހޯދާއިރު، ކޮވިޑް 19ގެ އަލާމާތްތައް ނެތްކަން ކަށަވަރުކުރެވޭ ތިން ދުވަސް ނުވާ ސެޓްފިކެޓެއް ހުށަހެޅުމަށް އެގައުމުގެ ސަރުކާރުން އެދޭ ކަމަށް މިނިސްޓްރީން ބުނެއެވެ.
މި ފިޔަވަޅުތަކުގެ އިތުރުން އެގައުމުގެ އެއާޕޯޓުގައި ހަރަކާތްތެރިވާ ޑޮކްޓަރުންގެ އިރުޝާދާއެކު އެގައުމަށް އެތެރެވާ މީހުން 14 ދުވަހުގެ މުއްދަތަކަށް ސަރުކާރުން ކަނޑައަޅާ ތަނެއްގައި ނުވަތަ ގޭގައި ކަރަންޓީނު ކުރުމަށް ނިންމާފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި ބަންގްލަދޭޝްގައި މިހާރު ތިބި ބިދޭސީންގެ ވިސާގެ މުއްދަތު ދެ މަސްދުވަހަށް އިތުރު ކުރުމުގެ އިހުތިޔާރު އެ ފަރާތްތަކަށް ބަންގްލަދޭޝް ސަރުކާރުން ދީފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.
ބަންގްލަދޭޝުން އަޅާފައިވާ މި ފިޔަވަޅުތަކަށް މިހާރު އެގައުމުގައި ތިބި ދިވެހިންނާއި ކުރިއަށް އޮތްތާނގައި ދަތުރުކުރުމަށް ގަސްދު ކުރާ ދިވެހިން ސަމާލުވުމަށް މިނިސްޓްރީން އެދެއެވެ. އަދި މި ފިޔަވަޅުތަކަކީ އެކަމަށް ބަދަލު އަތުވެދާނެ ފިޔަވަޅުތަކަކަށް ވުމުން ދަތުރު ކުރުމުގެ ކުރިން އަބަދުވެސް މައުލޫމާތު ސާފުކުރުމަށް މިނިސްޓްރީން އިލްތިމާސް ކުރެއެވެ.
މީގެ އިތުރުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫނީ ނުކުރުމަށް މިނިސްޓްރީން އިލްތިމާސްކުރެއެވެ. އަދި ބަންގްލަދޭޝްގައި ދިރިއުޅޭ ދިވެހިން އެގައުމުގެ ސަރުކާރުގެ ނިންމުންތަކާއި އެންގުންތަކަށް ސަމާލުވުމަށް އިލްތިމާސްކޮށްފައިވެއެވެ. ހަމައެއާއެކު ރާއްޖޭން ބޭރުގައި އުޅޭ ދިވެހިންނާއި ރާއްޖޭން ބޭރަށް ދަތުރު ކުރާ ދިވެހިން މިނިސްޓްރީގައި ނުވަތަ އެންމެ ކައިރީގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަނެއްގައި ރަޖިސްޓްރީ ކުރުމަށް މިނިސްޓްރީން އިލްތިމާސްކޮށްފައިވެއެވެ. އަދި ބަންގްލަދޭޝުގައި ހުންނަ ރައްޔިތުން އެގައުމުގެ ހައި ކޮމިޝަނުގައި ރަޖިސްޓްރީވުމަށް ވެސް މިނިސްޓްރީން އެދިފައިވެއެވެ.