އިބްރާހިމް ޒަކީ
ގައުމު ލޮކްޑައުން އަކަށް ނުގޮސްގެން ގިނަ ބަޔަކު ވާހަކަދެއްކި ކަމަށާއި އެކަމަކު މިހާރު ގިނަ ތަންތަން ބަންދުކޮށް، ބޭރުގައި ނޫޅެން ތަކުރާރުކޮށް ނަސީހަތްދީ ހަދާއިރު ވެސް ގިނަ ބަޔަކު މަގުމަތީގައި އުޅެމުންދާކަން ފާހަގަ ކުރެއްވޭ ކަމަށް ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެ އެވެ.
ކޮވިޑް 19 އާބެހޭގޮތުން ރާއްޖެއާބެހޭ އެންމެ ފަހުގެ މައުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި ޑރ. ނަޒްލާ ވިދާޅުވީ، ރޭ މާލޭގެ މަގުތައްވެސް ފެނުނީ ވަރަށް މީހުންގިނަ ކާރޫބާރޫ ބޮޑުކޮށް ކަމަށެވެ.
އަދި ކޮވިޑް 19 އާ ގުޅިިގެން ލޮކްޑައުންއަށް ނުގެނެސްގެން ގިނަ ބަޔަކު ވާހަކަ ދެއްކި ނަމަވެސް އަމަލުން އެކަން ނުފެންނަ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ބޭފުޅުން ވިދާޅުވާ އެއްޗަކާ އަމަލާ ދިމާނުވާ ކަމަށެވެ.
ގޭގޭގައި މަޑުކުރަން ކަމާބެހޭ ފަރާތްތަކުން ތަކުރާރުކޮށް އިލްތިމާސް ކުރަމުން ގެންދާއިރުވެސް މަގުތަކަށް ގިނަ މަޔަކު އާއްމު އުސޫލުން ނިކުމެ އުޅޭކަން ފާހަގަ ކުރައްވައި ޑރ.ނަޒްލާ ވިދާޅުވީ ރާއްޖޭން ކޮވިޑް 19 އަށް 13 މީހުން ޕޮޒިޓިވް ވުމަށްފަހު 3 މީހުން ރަނގަޅު ވެފައިވާތީ ރާއްޖެ އެކަމުން އަރައި ގަނެފައިވާ ކަމަަށް ބަލައި މީހުން ރިލެކްސްވެފައިވާ ކަމަށް ބެލެވޭ ކަމަށެވެ.
ނަމަވެސް އެކަމަކީ އެއްދުވަހުން ދެދުވަހުން، އެއްހަފްތާއިން ނުވަތަ ދެހަފްތާއިން ކުރެވޭނެ ކަމެއްނޫން ކަމަށާއި، ކޮވިޑް 19 ގެ ނުރައްކާތެރިކަމުގެ މިންވަރަށް ބަލާއިރު ހަމަނޭވާލައިގެން ހަމަޖެހިލައިގެން ތިބެވެންނެތް ކަމަށްވެސް ވިދާޅުވިއެވެ.
ޑރ. ނަޒްލާ ވިދާޅުވީ ގެއިން ނުނިކުތުމަށާއި ސޯޝަލްޑިސްޓެންސް ބެހެއްޓުނަށް ތަކުރާރުކޮށް ނަސޭހަތްދެމުން ދަނީ، ބައެއް ގައުމުތަކުގައި ކޮވިޑް 19 ޖެހިގެންތިބެ 30،000 އާއި 16،000 މީހުން ހިމެނޭ އެއްވުންތަކަށް ދިއުމުގެ ސަބަބުން ބަލި ފެތުރި އެ އެންމެން ކަރަންޓީނުކޮށް ޓެސްޓްކުރާ ހާލަތަށް ގޮސްފައިވާ ކަަމެވެ. ނަމަވެސް ރާއްޖެ އެހާލަތަށްދާން ބޭނުން ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.
އަދި ބައެއް ގައުމުތަކުގައި ބަލި ކޮންޓްރޯލް ކުރެވުނުކަމަށް ބަލައި ފަރުވާ ކުޑަ ކުރުމުގެ ސަބަބުން ބަލި ޖެހުނު މީހުންގެ އަދަދު ފަހުން އެތައް ބަޔަކަށް އިތުރު ވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޑރ. ނަޒްލާ ވިދާޅުވީ ސަލާމަތަށްޓަކައި ކަމާބެހޭ ފަރާތްތަކުން އަންގާ އެންގުންތަކަށް ތަބާވާން ޖެހޭ ކަަމަށެވެ.