އިބްރާހިމް ޒަކީ
ބިދޭސީއަކާއި ދެ ދިވެހިން ކޮވިޑް 19 އަށް ޝައްކުކުުރެވިގެން އަނަންތަރާ ދިގު ރިސޯޓް މޮނިޓަރިންއަށް ގެނެސްފައިވާ ކަމަށް ކޮވިޑް 19ގެ ތަރުޖަމާނު މުހައްމަދު މަބުރޫކް އަބްދުލް އަޒީޒް ވިދާޅުވެއްޖެއެވެ.
ކޮވިޑް 19 އާބެހޭ އެންމެ ފަހުުގެ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި ވާހަކަ ދައްކަވަމުން މަބްރޫކު ވިދާޅުވީ، އެ ރިސޯޓުން ކޮވިޑް 19 އަށް ޝައްކުވި ދެ ދިވެހިންނާއި ބިދޭސީ މީހާގެ ސާމްޕަލް ނަގައި ޓެސްޓް ކުރުމުގެ މަސައްކަތް މިއަދު ކުރިއަށްދާ ކަމަށެވެ.
އަދި އެ ތިންމީހުންގެ އައިސޮލޭޝަންގެ މަސައްކަތް ނިމެންދެން އެ ރިސޯޓް އޮންނާނީ މޮނިޓަރިންގައ ކަމަށްވެސް ވިދާޅުވިއެވެ.
މަބްރޫކު ވިދާޅުވީ، ކޮވިޑް 19 އަށް ޝައްކު ކުރެވިގެން އަދާރަން ކުލަބް ރަންނާޅި އާއި ސަންތާރާ ގްރޭންޑުން ނެގި ސާމްޕަލް ތައް ނެގެޓިވްވެފައިވާ ތީ އެ ދެ ރިސޯޓް ކޮރަންޓީނުން ނަގުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، މިހާރު ކަރަންޓީން ފެސިލިޓީގައި ތިބި މީހުންނަށް ބަލާއިރު، ވިލިވަރުގައި 28، އީކުއޭޓާ ސަފާރީގައި ދެމީހަކު އެބަތިއްބެވެ. އަދި ހުޅުލޭގައި 135، ވެލިދޫ އައިލެންޑް ރިސޯޓްގައި 16، ފަން އައިލެންޑްގައި 66، ބިޔާދޫ ރިސޯޓްގައި 40، ކުޑަ ބަނޑޮހުގައި 48، ދިއްގިރީގައި 15، ހޮލިޑޭ އައިލެންޑްގައި 88، އަދި ދަރުމަވަންތައިގަ 11 މީހުން ހިމެނޭ ކަމަށެވެ. ނަމަވެސް ފަރުކޮޅު ފުށީގައި އެއްވެސް މީހަކު ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
މަބްރޫކު ވިދާޅުވީ، ކޮވިޑް 19 އަށް މިހާތަނަށް ނެގި ސާމްޕަލްގެ ތެރެއިިން 13 މީހުން ޕޮޒިޓިވެ 621 ނަތީޖާ ނެގެޓިވް ވެފައިވާ ކަމަށެވެ. އަދި މިހާތަނަށް ނަތީޖާ ނުލިބި ވަނީ ދެ ކޭސްއެއްގެ ކަަމަށްވެސް ވިދާޅުވިއެވެ.