އިބްރާހިމް ޒަކީ
ރާއްޖެއިން ފުރި ބޭރު ގައުމެއްގެ ފުޓްބޯޅަ ކުޅުންތެރިޔަކު ކޮވިޑް 19އަށް ޕޮޒިޓިވް ވެފައިވާތީ އޭނާއާއި ކްލޯސް ކޮންޓެކްޓް ވެފައިވާ މީހުން ހޯދައި މޮނިޓާ ކުރަމުން އަންނަ ކަަމަށް ކޮވިޑް 19ގެ ތަރުޖަމާނު މުހައްމަދު މަބުރޫކް އަބްދުލް އަޒީޒް ވިދާޅުވެއްޖެއެވެ.
ރީތިރަށް ރިސޯޓްގައި ޗުއްޓީ ހޭދަ ކުރުމަށްފަހު އެނބުރި ދިޔަ ފަހުން، ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައި ވަނީ މަޝްހޫރު ފުޓުބޯޅާ ކުޅުންތެރިޔާ މާރުއާން ފެލައިނީ އެވެ.
މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ މިޑްފީލްޑަރު ފެލައިނީ، މިހާރު ކުޅެނީ ޗައިނާ ސުޕަލީގުގައެވެ.
އޭނާ ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައިވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށްފަހު އެނބުރި ޗައިނާއަށް ދިޔަ ފަހުންނެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މަބްރޫކު ވިދާޅުވީ، އޭނާ ރާއްޖެ އައިސްފައިވާކަން އެގެނީ މިމަހުގެ އަށްވަނަ ދުވަހު ކަމަށެވެ.
އަދި އޭނާ ފުރައިގެން ދިޔައީ 12 ވަނަ ދުވަހު ކަމަށެވެ.
އަދި 20 ވަނަ ދުވަހު އޭނާ ކޮވިޑް 19 އަށް ޕޮޒިޓިންވެފައިވާއިރު، 14 ދުވަހުގެ މުއްދަތަށް ބަލައި އޭނާ އެންމެ އަވަހަށް އެބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށް ބެލެވެނީ، މިމަހު ހަ ވަނަ ދުވަހު ކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން އޭނާއަށް ވައިރަސް އަރާފައިވަނީ ރާއްޖޭން އަބުރާ ދިޔަފަހުން ޗައިނާއިން ކަމަށްވެސް މަބްރޫކު ވިދާޅުވިއެވެ.
ނަމަވެސް މަބްރޫކު ވިދާޅުވީ، ފެލައިނީ ރާއްޖޭގައި ޗުއްޓީހޭދަކުރިއިރު އޭނާއާ ބައްދަލުވި މީހުންގެ މައުލޫމާތު ހޯދަމުންދާ ކަމަށެވެ. އަދި އޭގެ ތެރެއިން އެކަކު އައިޑެންޓިފައި ކުރެވިފައިވާ ކަމަށާއި އޭނާ އައިސޮލޭޝަނަށް ގެންދެވިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.