ކޮވިޑް 19

ރާއްޖެއަށް މިހާލަތުން އަރައި ގަނެވިއްޖެ ކަމަށް ނިންމަން އަދި ކައިރިވެސް ނުވޭ: މަބްރޫކު

އިބްރާހިމް ޒަކީ

ކޮވިޑް 19އިގެ ސީރިއަސް ހާލަތުން ރާއްޖެއަށް އަރައިގަނެވިފައިވާ ކަމަށް ނިންމަން އަދި މާ އަވަސް ކަމަށް ކޮވިޑް 19އިގެ ތަރުޖަމާނު މުހައްމަދު މަބުރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.

ކޮވިޑް 19 އާބެހޭ އެންމެ ފަހުގެ މައުލުމާތު ނޫސްވެރިންނަށް ދެއްވުމަށް މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި އަބްރޫކު ވިދާޅުވީ، ކޮވިޑް 19 މިވަގުތައް ރާއްޖޭގައި ކޮންޓްރޯލް ވެފައި އޮތް ކަމަށް ދެއްކި ނަމަވެސް، ދުނިޔޭގައި މިބަލި ފެތުރެމުންދާގޮތަށް ބަލާއިރު ކޮންމެ ދަނޑިވަޅެއްގައިވެސް ބަލި އިތުރަށް ފެތުރިގެންފާނެ ކަމަށެވެ.

ދުނިޔޭގައި މިބަލި ޖެހިފައިވާ މީހުންގެ އަދަދު މިހާރު 300،000 އަށްވުރެ މައްޗަށް އަރާފައިވާކަން ފާހަގަ ކުރައްވައި މަބްރޫކު ވިދާޅުވީ، އެންމެ ހާސްވާން ޖެހޭ ކަމަކީ ދުނިޔޭގައި އެންމެފުރަތަމަ ކޮވިޑް 19 ޖެހިގެން، އެ ޖެހުނު މީހުންގެ އަދަދު 100،000 އަށް އެރުމަށް 90 އެތައްދުވަހެއް ނެގި ކަމަށެވެ.

އަދި އެ އަދަދު 200،000 އަށް އަރަން ނެގީ އެންމެ 11 ދުވަސް ކަމަށާއި އެ އަދަދު 300،00 އަށް އަރަން ނެގީ ހަފްތާއަކަށްވުރެވެސް މަދު ދުވަސްކޮޅެއްކަމަށް މަބްރޫކު ވިދާޅުވިއެވެ.

މަބްރޫކު ވިދާޅުވީ މި ބައްޔަކީ އަވަހަށް ފެތުރޭ އެންމެނަށްވެސް އޮތް ނުރައްކަލެއް ކަމަށެވެ.

އަދި މާތްﷲ ގެ ރަހުމަތްފުޅުން މިވަގުތައް ރާއްޖޭގައި މިބަލި ކޮންޓްރޯލްވެފައި އޮތް ނަމަވެސް ހަމަޖެހިލެވިގެން ތިބެވެން ނެތް ކަމަށާއި އެންމެން އެކަމަށް ސަމާލުވާން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

މިހާތަނަށް ކޮވިޑް 19 އަށް ރާއްޖޭން 13 މީހުން ޕޮޒިޓިވްވި އިރު އޭގެ ތެރޭގައި ހިމެނެނީ މުޅިންވެސް ބިދޭސީންނެވެ. އޭގެ ތެރެއިން ތިންމީހުން މިހާރު ވަނީ ރަނގަޅު ވެފައެވެ.

މަބްރޫކު ވިދާޅުވީ އެ އަދަދުތަކަށް އަދި ބަދަލު އައިސްފައިނުވާ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، މިހާރު ކަރަންޓީން ފެސިލިޓީގައި ތިބި މީހުންނަށް ބަލާއިރު، ވިލިވަރުގައި 28، އީކުއޭޓާ ސަފާރީގައި ދެމީހަކު އެބަތިއްބެވެ. އަދި ހުޅުލޭގައި 135، ވެލިދޫ އައިލެންޑް ރިސޯޓްގައި 16، ފަން އައިލެންޑްގައި 66، ބިޔާދޫ ރިސޯޓްގައި 40، ކުޑަ ބަނޑޮހުގައި 48، ދިއްގިރީގައި 15، ހޮލިޑޭ އައިލެންޑްގައި 88، އަދި ދަރުމަވަންތައިގަ 11 މީހުން ހިމެނޭ ކަމަށެވެ. ނަމަވެސް ފަރުކޮޅު ފުށީގައި އެއްވެސް މީހަކު ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

މަބްރޫކު ވިދާޅުވީ، ކޮވިޑް 19 އަށް މިހާތަނަށް ނެގި ސާމްޕަލްގެ ތެރެއިިން 13 މީހުން ޕޮޒިޓިވެ 621 ނަތީޖާ ނެގެޓިވް ވެފައިވާ ކަމަށެވެ. އަދި މިހާތަނަށް ނަތީޖާ ނުލިބި ވަނީ ދެ ކޭސްއެއްގެ ކަަމަށްވެސް ވިދާޅުވިއެވެ.